ޚަބަރު ސަރުކާރު

250 މިލިއަނުގެ އިސްލާމިކް ސޯޝަލް ފައިނޭންސިން މަޝްރޫއެއް ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް (މިސްފީ) އިފުތިތާހުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

މުޖުތަމައުގައި ތިބި ހާއްސަ އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 250 މިލިއަން ރުފިޔާގެ އިސްލާމިކް ސޯޝަލް ފައިނޭންސިން މަޝްރޫއެއް ފަށައިފި އެވެ.

Ads by STELCO

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން ފެށި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް (މިސްފީ) އަކީ މެލޭޝިއާގެ ސަދަގާ ހައުސް ބޭންކް އިސްލާމް އަސްލަކަށް ބަލައިގެން ފަރުމާކުރި މަޝްރޫއެކެވެ. މަޝްރޫއު ފެށުމަށް އެމްއެމްއޭއިން ވަނީ އެ ގައުމުގެ ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ އާ ގުޅިގެން ދިރާސާއެއް ކޮށްފަ އެވެ.

އެމްއެމްއޭ އާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވެ އެވެ. ކުރިއަށް އޮތް ތިން އަހަރު ދުވަހު މިސްފީގެ ދަށުން ބީއެމްއެލުން 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

މި އިނީޝިއެޓިވް އިފުތިތާހުކުރުމަށް މިއަދު ކުުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިނީޝިއެޓިވްގެ ހިޔާލު އުފަންވެފައި ވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީން ކަމަށެވެ. އިފުތިތާހުކުރި އިނީޝިއެޓިވްއަކީ ގައުމީ ތަރައްގީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ.

ދިވެހިންގެ ޝަހްސު ބިނާވެފައި ވަނީ އޯގާތެރިކަމާއި އަދުލުވެރިކަމާއި އިޖުތިމާއީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން ފާހަގަކުރައްވައި، މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދު ކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީ ވެސް އެއީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މުޖުތަމައަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާއަތްތަކާއި މާލީ ދާއިރާ އާ ދެމެދު އޮންނަން ޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މި އިނީޝިއެޓިވުން މުހިންމު ދައުރެއް އަދާކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނޭޝަނަލް މާސްޓަ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ކުރިއަށްދާކަން އިއުލާނު ކުރައްވާފަ އެވެ. ރާއްޖޭގައި ގާއިމުކުރާ އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި، މި މާސްޓަ ޕްލޭނުން އަންގައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ގާނޫނީ އެއްބާރުލުން ދިނުމުގެ ގޮތުން ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެ ރަސްމިއްޔާތުގައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓު ވެސް ރައީސް ވަނީ އިފުތިތާހުކޮށްދެއްވާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އެމަނިކުފާނަށް "ކޮމިޓްމަންޓް ލެޓަ" އަރުވާފަ އެވެ.

Ads by Allied Insurance