މައްކާ ރޫޓް އިނީޝިއޭޓިވްގެ ވަފުދެއް ރާއްޖެ ވަޑައިގެންފި

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ފަށަން ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަނުގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވި ލަގެޖުތައް ވެސް ސީދާ ހޮޓަލަށް ލިބިގެން ދިއުމެވެ. އަދި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ފުރާ ދުވަސް ކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު މައްކާ ރޫޓް އިނީޝިއޭޓިވް ފަށަން ނިންމައި އެކަމަށް ޓަކައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި އެ ގައުމުގެ ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭހެން ވަފުދެއް މިއަދު ރާާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
އެ ވަފުދަށް މަރުހަބާ ވިދާޅުވީ ވެސް ސީދާ މިނިސްޓަރު ޝަހީމެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ވަފުދުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި މައްކާ ރޫޓް އިނީޝިއޭޓިވް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީން 26 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމުމަކީ އެ ގައުމާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއްކަން ވެސް ފާހަގަކުރި އެވެ.
