ޚަބަރު ސަރުކާރު

ދުންފަތުގެ ޓެކުހުން އާމްދަނީ ހޯދަން ނުވިސްނަން، ލިބޭ އެއްޗެއް ހޭދަކުރާނީ ހޭލުންތެރިކުރަން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ދައްކަވާލައްވަނީ / ފޮޓޯ:ރައީސް އޮފީސް

ދުންފަތުގެ ޓެކުހުން ދައުލަތަށް އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އިސްކަންދެއްވާނީ އެ ވަބާއިން މީހުން ދުރުކުރުމަށް ހޭލުންތެރިކުުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމަނިކުފާނު އެެހެން ވިދާޅުވީ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާނެކަން ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް ރަނގަޅީ ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ދާއިރާއިން އެއްވެސް ވިޔަފާރިއެއް ކުރިއަށް ނުގެންދިޔުން ކަމަށެވެ.

"މި ދާއިރާއިން އާމްދަނީ ހޯދާކަށް ނުވިސްނަން. މި ދާއިރާއިން ލިބޭ އެއްޗެއް ވިއްޔާ އަޅުގަނޑުމެން ހޭދަކުރަން ނިންމާފައި ވަނީ އާންމު ސިއްހަތު ރަނގަޅުކުރަން. ރައްޔިތުންގެ ޕަބްލިކް ހެލްތު ސިޓުއޭޝަން އިމްޕްރޫވްކުރަން އަޅުގަނޑުމެން ހަރަދުކުރަން ނިންމާފައި ވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އާންމުން ހޭލުންތެރިކުރަން ޕްރޮގްރާމުތައް ހިންގުމުގެ އިތުުރުން ދުންފަތުގެ ޓެކުހުން ޖުމްލަ ގޮތެއްގައި ހޭދަކުރާނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ކަމުގަ އެވެ.

ދުންފަތުގެ ބާވަތްތައް އެތެރެކުރުން އެއްކޮށް މަނާނުކުރާހާ ހިނދަކު އެ ފަދަ ތަކެތި އެތެރެކުރާނެ ކަމުގަ އެވެ. މިހާރު އެފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާކަން ފާހަގަކުރައްވައި ލިބޭ އާމްދަނީ ބަޖެޓުގައި ޖަހަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނަށް ގެނައި ބަދަލާ އެކު ބްލެކް މާކެޓެއް އުފެދި ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެހެން ގައުމުތަކުގައި އެކަން ނުހުއްޓުވި އޮތުމަކީ ރާއްޖޭގައި އެކަން އަދި ނުވާންވީ ސަބަބެއް ނޫން ކަމަށެވެ. ކޮންމެ ގައުމެއްގެ ހާލަތު ތަފާތު ކަމަށާއި އެގޮތުން ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ގައުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"އެއް ދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއްބައެއްވަންތަ މި ނޫން ގައުމެއް ނޯންނާނެ މުޅި ދުނިޔޭގައި ވެސް. ޔުނީކް. ޔުނީކް ސޮލިއުޝަންއެއް އެހެންވީމާ ރާއްޖެއަށް ހޯދޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance