ޒުވާން ހަތީބުން ޕްރޮގްރާމުގެ ތިން ވަނަ ބުރުގެ އިންޓަވިއު ފަށައިފި

'ޒުވާން ހަތީބުން' ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފި އެވެ.
ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ހަތީބުންނަށް ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމާއި ދީނާ ގުޅުންހުރި އެހެން ބައެއް ދާއިރާތަކުން ހާއްސަ ތަމްރީނުތައް ދޭނެ އެވެ. ޕްރޮގްރާމުގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލުތަކަށް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޒުވާން ހަތީބުން ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް 338 ފަރާތަކުން ފޯމު ހުށައަަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 269 ފަރާތެއްގެ ކަމަށެވެ. މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިންކަން ފާހަގަކުރި އެވެ.
މި ހާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.