ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހުކޮށްފި

ދިވެހި ހައްޖުވެރިންނަށް އަލަށް ތައާރަފުކުރާ މައްކާ ރޫޓު އިނީޝިއޭޓިވް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިފުތިތާހު ކޮށްދެއްވައިފި އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ހިމަނައި، ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި ތަންފީޒު ކުރުމުގެ ތައްޔާރީތަކަށް އެޑްވާންސް ޓީމެއް މި މަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ޓީމުން ވަނީ އިނީޝިއޭޓިވްގެ ދަށުން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް ފުރިހަމަކޮށްފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާހު ކޮށްފައި ވަނީ މިއަދު މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. އިނީޝިއޭޓިވް އިފުތިތާހު ކޮށްދެއްވީ ރައީސްގެ ދެކަނބަލުންނެވެ.
އިނީޝިއޭޓިވް އިފުތިތާހު ކުރުމަށް ބޭއްވި ތާރީހީ ޖަލްސާގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ އަރަބިއްޔާގެ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހު ކުުރެއްވުމަށް ފަހު ރައީސް ހާޖީއަކަށް ޕާސްޕޯޓު ހަވާލުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް
އެ އިނީޝިއޭޓިވް އިފުތިތާހު ކުުރުމަށް ފަހު ހަތަރު ހާޖީއަކަށް ޕާސްޕޯޓު ވަނީ ހަވާލުކޮށްފަ އެވެ. ފުރަތަމަ ހާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސެވެ. ދެ ވަނަ ހާޖީއަށް ފަސްޓް ލޭޑީ ޕާސްޕޯޓު ދެއްވިއިރު، ތިން ވަނަ ހާޖީއަށް ޕާސްޕޯޓު ހަވާލުކުރެއްވީ މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަނެވެ. އަދި ހަތަރު ވަނަ ހާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ޗާޖް ޑެ އެފެއާޒެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އާއެކު ރޭ ރާއްޖެ ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން އަބްދުލް ރަހްމާން އަލް މަހްމޫދު އަދި މައްކާ ރޫޓު އިނީޝިއޭޓިވް ސްޓިއަރިން ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް އަދި ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބު ރައީސް އަބްދު ރަހްމާން ބިން މުހައްމަދު އަލް އަގީލުގެ އިތުރުން އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީގެ ހައްޖު މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވް ހިމެނޭހެން މަތީ ފެންވަރުގެ 42 ބޭފުޅަކު ވަނީ ވަޑައިގެންފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް
މި އިނީޝިއޭޓިވްއަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން ސުލައިމާން އާ ރައީސް ސަލާން ކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް
މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީ ސައުދީ ރަސްގެފާނު ސަލްމާނުގެ ހާއްސަ އިރުޝާދުގެ ދަށުން މި ކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާ ކުރައްވައި ހާއްސަކަން ދެވިގެންނެވެ. މިއީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އިނީޝިއޭޓިވް އިފުތިތާހުވުމުން މައްކާ ރޫޓުގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަނުގައި ޖިއްދާ އެއާޕޯޓުގައި އެރައިވަލް ޕާސްޕޯޓު ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން އެއާޕޯޓުގައި މަޑުކުރަން ނުޖެހޭނެ ކަމުގަ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ ކަމަށާއި ލަގެޖް ލިބޭނީ ވެސް ހޮޓަލުން ކަމުގަ އެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލު ކުރާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ މިއީ އެ އެއާޕޯޓުގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެއް ކަމަށެވެ.
