ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ 27 އަހަރު ހިދުމަތް ކުރެއްވި ސިފައިންގެ އޮފިސަރެއް

ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ އޮފިސަރުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓް ކަމަށެވެ. އެ އުޅަނދުން ހަ މީހަކު ދަތުރުކުރި ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާ އަދި ތިން ބިދޭސީން ކަމުގައި ފާހަގަކުރި އެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާ ކަމުގަ އެވެ.
އެ މީހުން ހޯދުމަށް ކުރި މަސައްކަތުގައި ގެއްލުނު މީހުންގެ ތެރެއިން ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމުގައި އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފްގެ އޮފިސަރު ނިޔާވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހާމިދު، މި ދުނިޔެ އާ ވަކިވެގެން ދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާ އެކު 27 އަހަރު ހިދުމަތް ކުރައްވާފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށް ޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަމުގަ އެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާ އާއި މުއައްސަސާ އާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ." ރައީސް ވިދާޅުވި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވެފައި ވަނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ފަސް މީހަކު ގެންދިޔަ ކަމަށެވެ. އެ މީހުންގެ ތެރެއިން ސިފައިންގެ އޮފިސަރު ވަނީ ނިޔާވެފަ އެވެ.
ހޮސްޕިޓަލުގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެއީ ދެ ދިވެހިންނާ އަދި ދެ ބިދޭސީންނަށް ކަމުގައި އޮފިޝަލް ފާހަގަކުރެއްވި އެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
