މި ގާނޫނުއަސާސީން ލިބުނު އިންސާފެއް ނެތް، ބަރުލަމާނީއަކަށް ދާން ޖެހޭ: އަމްރު

ރިޔާސީ ނިޒާމުގެ ސިފަތައް ހިމަނައިގެން މިހާރު އޮތް ގާނޫނުއަސާސީން އާންމު ރައްޔިތުންނަށް ލިބުނު އިންސާފެއް ނެތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯތަކުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަމްރު ވިދާޅުވީ މި ގާނޫނުއަސާސީއަށް 17 އަހަރު ވެރިކަން ކުރި އިރު އެއްވެސް ޒާތެއްގެ އިންސާފެއް ނުލިބޭ ކަމަށެވެ.
"މި ގާނޫނުއަސާސީގެ ދަށުން ވެރިކަންތައް ކުރެވުނު އިރު ރައްޔިތުންނަށް އިގުތިސާދީ އިންސާފެއް, އިޖްތިމާއީ އިންސާފެއް އަދި ޝަރުއީ އިންސާފެއް ވެސް ލިބިފައެއް ނުވޭ," އަމްރު ލިއުއްވާފައިވެ އެވެ.
"ހެޔޮ ވެރިކަމެއް މި ރާއްޖޭގަ ހިންގުމަށްޓަކައި މި ނިޒާމު ޕާލިމެންޓްރީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ," އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ 5 އަހަރަކުން އަޑު އަހާ ޖަވާބުދާރީވާ ވެރިކަމެއް ނޫން," އަމްރު ލިއުއްވާފައިވެ އެވެ.
އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރައްވާ އަމްރު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންނަށް ބޮޑުވަޒީރު ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.
"ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭ އަދި ރައްޔިތުންގެ ތާއީދާ އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަގާމަކު ނުހުރެވޭ," އަމްރު ވިދާޅުވި އެވެ.
