ޚަބަރު

"ކަނބުލޮ" އަށް ގިނަ ބައެއްގެ ތަރުހީބު: 20 ޝޯވ ހައުސްފުލް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކުލަގަދަ ހަފްލާއެއްގައި ދިވެހި ފިލްމް "ކަނބުލޮ" އޮލިމްޕަހުގައި މިދިޔަ އާދީއްތަ ދުވަހުގެ ރެ ޕްރިމިއަރ ކޮށްފިއެވެ.

Ads by MPL

ސެޓަރން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމު ލައުންޗްކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި ފެނުނު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދުއެވެ.

މި ދެ ސްޓޫޑިއޯ ގުޅިގެން މިދިޔަ އަހަރު ނެރުނު "ކަމަނަ"ގެ ކާމިޔާބަށްފަހު އެޅުވި މި ފިލްމާމެދު ބެލުންތެރިންގެ އުއްމީދު ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ވުމެވެ.

މިއީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.

ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ މި ފިލްމުގެ އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ޝޯތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކާއި އަވަށްޓެރި ޝްރީލަންކާގައިވެސް ފިލްމު އަޅުވާނެ ދުވަސްތައް މިހާރުވަނީ އިއުލާނުކޮށްފައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް  މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލުމުންފެނިފައިވެއެވެ. އަދި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ފިލްމުގައި ހިމަނާފައިވެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިފައިވަނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ،އަހުމަދު ނިމާލް،ޝީލާ ނަޖީބު،އަހުމަދު އީސާ،ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރި ހަތަރުވަނަ ފިލްމެވެ.

"ކަނބުލޮ" ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު "ކަމަނާވެސް ވަނީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާފައެވެ.