ޚަބަރު

އައިއޭއެސްގެ އާ އޮފީހުގެ ބިންގާ އަޅައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ގައުމީ އެއާލައިން އޮޕަރޭޓްކުރާ، އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ އއާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.

އައިއޭއެސްގެ 12 ބުރީގެ އާ އޮފީސް އިމާރާތް އަޅަނީ ކުރިން ވެސް އެ ކުންފުނީގެ ހެޑް އޮފީސް ހިންގި، މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތިގައި އޮންނަ ރާވެރިގެ ޕްލޮޓުގަ އެވެ.

އައިއޭއެސް އިން ބުނީ އާ އޮފީސް އިމާރާތުގެ ބިންގާ އެޅި އެތަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. އަދި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުންއައި ދުވަހެއް ކަމަށް އެ އައިއޭސްއިން ބުންޏެވެ.

 

މިހާރު އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާލޭގެ ފަސް އިމާރާތެއްގައި މަސައްކަތްކުރާތީ، އެކަމަށް ކުންފުނިން ވަރަށް ބޮޑު ޚަރަދެއް ކުލީގެ ގޮތުގައި ދައްކަން ޖެހެ އެވެ. އެހެންވެ އާ އިމާރާތް ނިމުމުން ކުންފުންޏަށް މާލީ ގޮތުން ވެސް ވަރަށް ބޮޑު ލުއެއް ލިބޭނެ ކަމަށް އައިއޭސް އިން ބުންޏެވެ.

އާ އޮފީސް އިމާރާތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ހުނާން ނަމްބާ 6 އިންޖިނިއަރިން ކުންފުންޏެވެ.

ޒަމާނީ ފެންވަރުގެ ވަސީލަތްތައް ވެސް ގާއިމު ކުރެވޭ އައިއޭއެސްގެ އާ އޮފީސް އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރުގެ ކުރިން ނިންމަން އަމާޒު ހިފާފައިވެ އެވެ.

Ads by Ooredoo