ފަސް ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
ފަސް ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހަލާލު މޮޑެލްއަށް ޓޫރިސްޓް ރިޒޯޓްތައް ތަރައްގީކުރަން ބޭނުންވާ ތަންތަނުގެ ހާމަކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ހއ. ބިނާފުށި
- ހއ. ކަނޑާލި ފިނޮޅު
- ހދ. މަނުކުދޫ ފަރު
- ރ. ފުށި ފަރު
- ލ. ފޮނަގާދޫ
އެ ތަންތަނަށް ބީލަން ހުށަހަޅަން ދީފައިވާ މުއްދަތަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ހެނދުނު 09 ޖަހާއިރު އެވެ.
އެ ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުން ނަމަ އަންނަ މަހުގެ އަށް ވަނަ ދުވަސް ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ 12:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލްކޮށް އެކަން ހަމަޖެހޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޖޫން މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަލާލް ޓޫރިޒަމްގައި ބައިނަލްއަގުވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ގައުމަކީ ރާއްޖެ ކަމުގައި ހެދުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ހަލާލު ޓޫރިޒަމްއަށް ކަނޑައަޅާ ރަށްތައް ތަރައްގީކުރަން އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ބޮޑެތި އިނާޔަތްތަކެއް ވެސް ދޭނެ ކަމަށެވެ.
