ޚަބަރު

"އަލިމަގު": 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ހިދުމަތުން ފެށީ މި ހިނގާ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

އެގޮތުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އެކިއެކި އޮޕަރޭޝަންތަކުގައި މި ވޭތުވެދިޔަ 2 އަހަރު 2.2 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވަނީ ހާމަކުރައްވައިފައެވެ.

މި އޮޕަރޭޝަނާ ގުޅިގެން ދާހިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އަލިމަގު އޮޕަރޭޝަންގެ އެންމެ ބޮޑު އަމާޒަކަށްވީ، މަސްތުވާތަކެތި މަގުތަކަށް ދިއުން ހުއްޓުވުން ކަމަށާއި، އެގޮތުން މި އޮޕަރޭޝަނަކީ ފުލުހުންގެ ގިނަ ޓީމްތައް އެކުވެ، 6 މަސް ދުވަހުގެ އިންޓެލިޖެންސް ތަހުގީގުތަކަކަށް ފަހު ގެންދިޔަ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

އިޙުސާން ވިދާޅުވީ މި އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 23 މިލިޔަން ރުފިޔާގެ ތަކެތި މިހާތަނަށް އަތުލައިގެންފައިވާ ކަމަށެވެ. މީގެ ތެރޭގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވެއެވެ. އަދި ވިޔަފާރި ކުރަމުން އައި ތަންތަން ވަނީ ބަންދުކޮށްފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ފަރާތްތަކުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް، އިސްލާމީ ޝަރީއަތުގައި ގާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު އެމީހުންނަށް ދޭނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް، މިކަމާ ގުޅޭ ގާނޫނުތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް، ގާނޫނަށް އިސްލާހުތަކެއް ހުށައެޅުމަށް ނިންމަވާފައިވާކަމަށް ވެސް ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

Ads by Ooredoo