ފަލަސްޠީނުގެ ޙާލަތު އަދިވެސް އޮތީ ގޯސްކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ޢަމަލީގޮތުން ތެދުވަންޖެހޭ: ރައީސް
ފަލަސްޠީނުގެ ޙާލަތު އަދިވެސް އޮތީ ގޯސްކޮށްކަމަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޢަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ފަލަސްޠީނުގެ ރައްޔިތުންނާ އެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުން އަންނަ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގެ އުތުރުން ބިންތައް ހިފައި ޔަހޫދީން އާބާދު ކުރުވަމުންދާ ކަމަށާއި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅުމަށާއި ހަމަޖެހުން ހޯދުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި އެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށް ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތެދުވަން ޖެހޭ ކަމަށެވެ.
ރައީސްގެ ޕޯސްޓް ނިންމަވައިލެއްވީ ދިވެހިން ފަލަސްޠީނާ އެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ޤާއިމްކޮށް 1967ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.
