ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާއިން އެކުންފުނިތަކުގެ ޓެކްސް ކަނޑަނީ
ސަރުކާރުން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދީ ލަސްވިޔަސް، އެ ކުންފުނިތަކުން މީރާއަށް ޓެކްސް ދައްކަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭ އުސޫލެއް ގާއިމްކުރަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި، ގިނަ ވިޔަފާރިވެރިންގެ މައިގަނޑު އެއް ޝަކުވާއަކީ ސަރުކާރުން ދަރާފައި ހުރި ފައިސާ ނުލިބޭ މައްސަލައެވެ. އެގޮތުން، ކުރީ ސަރުކާރުގައި ކޮށްދީފައި ހުރި މަސައްކަތްތަކަށް ވެސް ފައިސާ ނުލިބޭކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
އެ ޝަކުވާ ހުށަހެޅި ބައެއް ފަރާތްތަކުން ވަނީ، މީރާއަށް ދައްކަން ޖެހޭ ފައިސާއިން އެބައި އުނިކޮށްދިނުމަށް ހުށަހަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ، މީރާއާ އެކު މަޝްވަރާކުރުމަށް ފަހު، އެ އިދާރާއަށް އެ ފަދަ ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކްސް، ސަރުކާރުން ދޭންޖެހޭ ފައިސާއިން ކެނޑޭ ގޮތަށް ނިޒާމު އިތުރަށް ފުޅާ ކުރެވޭނެ ގޮތްތައް ބައްލަވައިދެއްވާނެ ކަމަށެވެ. އަދި، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

