ރައްޔިތުންގެ މަޖިލިސް

75 އަހަރުވާންދެން ވަޒީފާގައި ދެމިހުރެވޭ އިސްލާހު ފާސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުމުރުން 75 އަހަރުވާންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރީ-އެމްޕްލޯއިމެންޓް ބިލު ފާސްކޮށްފިއެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގެ މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމެންޓް އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމެންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މީހުންގެ ތެރެއިން، އެ ގާނޫނަށް އަމަލުކުރަން ފަށާ ާރީހުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ހައްގުވާ އުމުރު ހަމަވެ. ވަޒީފާއިން ވަކިވެފައި ތިބި މީހުންނަށްވެސް އަލުން ވަޒީފާ ހަމަޖެހިގެންދާނެއެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، މި އުސޫލުގެ ދަށުން ވަޒީފާ ދޭނީ އަހަރުން އަހަރަށް އާ ކުރާ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. މުވައްޒަފު ކުރިން ހުރި މަގާމަކަށް ވެސް ހަމަޖެއްސިދާނެއެވެ.

މި ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓާ އެއްގޮތަށް، 46 މެންބަރުންގެ ވޯޓުންނެވެ.

ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަނު ކުރެވޭ މަގާމުތަކުގައި ތިއްބަވާ މީހުންނަކަށް މި ގާނޫނެއް ނުހިނގާނެއެވެ.

Ads by HDC