ޔުނާން އާއި ރިހޫ ގެ ބަންދަށް 7 ދުވަސް ޖަހައިފި
ދިވެހި ފިލްމީތަރި މުޙަައްމަދު ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) ގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޔުނާން އާއި ރިހޫ ހައްޔަރުކުރީ ރޭ 23:50 ހާއިރުއެވެ.
ޔުނާން އާއި ރިހޫ ގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ޔުނާންގެ ބޭބެގެ ފިރިހެން ދަރިއަކަށާއި، ދައްތަގެ ފިރިހެން ދަރިއަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ.
މިމައްސަލަ ޔުނާންގެ އާއިލާގެ ފަރާތުން 3 އޮކްޓޯބަރ 2020 ވީ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، ޔުނާން އާއި ރިހޫ ހައްޔަރު ކުރުމަށް ގޮވާލާ، ގިނަ ބަޔަކު ވަނީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެ ކައިރިއަށް އިއްޔެ ހަވީރު އެއްވެފައެވެ.
އެކަމާއި ގުޅިގެން އިއްޔެ 18:20 ހާއިރު ފުލުހުން ވަނީ ޔުނާން އާއި ރިހޫ އަމިއްލައަށް އެދިގެން އެމީހުންނަށް ހިމާޔަތްދީ ވެހިކަލްގައި ގެންގޮސްފައެވެ. އެއަށްފަހު ގެއަށް އަނބުރާ އެދެމީހުން ދިޔަ ވަގުތެއް ސާފު ނުވި ނަމަވެސް ރޭ 23:50 ހާއިރު ފުލުހުން ވަނީ އެމީހުން ހައްޔަރު ކޮށްގެން އެގެއިން ގެންގޮސްފައެވެ.
ފުލުހުން މިއަދު ވިދާޅުވެފައި ވަނީ ހުޅުމާލޭ ގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ތުހުމަތުގައި ރޭ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 7 ދުވަސް ދީފައިވާ ކަމަށެވެ.