ހުޅުމާލޭގެ ދެ ސްކޫލެއް ވަގުތީ ހިޔާއަކަށް ބަދަލުކޮށްފި
ކޮވިޑް-19ގެ ހާލަތުގައި ހާލުގައި ޖެހޭ ފަރާތްތައް ބައިތިއްބާ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލޭގެ ދެ ސްކޫލެއް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ޣާޒީ ސްކޫލާއި ރެހެންދި ސްކޫލު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ އެހީތެރިކަމާ އެކު ވަގުތީ ހިޔާތަކަށް ބަަދަލުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޣާޒީ ސްކޫލު މިހާރު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭ ފުޓުބޯލް ސްކޫލުގެ އެކޮމަޑޭޝަން ބްލޮކުގެ 24 ކޮޓަރިއެއްވެސް ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތް މިނިސްޓްރީ އިން ވެސް ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގައި އުޅޭނެ ތަނެއްނެތި މަގުމަތިވާ ފަރާތްތަކާއި ނުވަތަ އެހެނިހެން ސަބަބުތަކާ ހުރެ ހާލުގައި ޖެހޭ މީހުން ބައިތިއްބަން އެންމެ ފުރަތަމަ ބޭނުން ކުރި ސްކޫލަކީ އިމާދުއްދީން ސްކޫލެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ބޮޑު އަސަރުތަކެއް ކޮށް ގިނަ ބަޔަކަށް ވަނީ ވަޒީފާ ގެއްލިފައެވެ. މި ހާލަތުގައި ބައެއް ފަރާތްތަކުން ގޭގެ ކުލި ކުޑަކޮށް ދިންނަމަ ވެސް ކުލި ނުދެއްކިގެން ގެއިިން ނެރެލާ ގިނަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
މީގެ އިތުރުންވެސް ލޮކްޑައުން ކުރިއިރު މާލޭގައި ދުވަހު ކުއްޔަށް އުޅެމުން ދިޔަ ގިނަ ދަތުރުވެރިން ވެސް ވަނީ ހާލުގައި ޖެހިފައެވެ.