ރާއްޖެއިން ބޭރަށް ދިޔުމަށް ރައީސް ޔާމީން ބޭނުންފުޅު ނުވި، އެދިވަޑައިގަންނަވަނީ ގެކޮޅަށް ބަދަލުވާން: އިމްރާން
ރާއްޖެއިން ބޭރުން ހައްދަވަން ޖެހޭ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފުރުސަތު ދެއްވި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެކަން ބޭނުންފުޅުވެ ވަޑައިނުގެންނެވީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިރޭ ބައިވެރިވެ ވަޑަައިގެން، އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ބަލި ޙާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމެއް ވާކަމަށާއި އެލިޔުމުގައި ލަފާދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޓެސްޓެއް ހެއްދެވުމަށާއި "ސްޓްރެސް" ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ކަމަށެވެ.
އެކަމާއި ގުޅޭގޮތުން ޚުދު މިނިސްޓަރ އިމްރާން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމުގައި ދެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ޓެސްޓް ހެއްދެވުމަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ކަމަށާއި، އެމަނިކުފާނު ބޭނުންފުޅު ވަނީ ގެކޮޅަށް ބަދަލުވާން ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން އެހެންވީމަ އެޓެސްޓްތައް ހަދަން ވަޑައިގަންނަވަން ބޭނުންފުޅުވަނީ ކޮން ޤައުމަކަށްތޯ މިރީޖަންގެ ތެރެއިން. ވިދާޅުވީ ބޭރަށް ވަޑައިނުގަންނަވާނަމޭ. ދެން ރާއްޖޭގަ އެޓެސްޓް ހެދޭކަށް ނެތް. ބޭރަށް ވަޑައިނުގަންނަވާނަމޭ ގެއަށް ގެންގޮސްދޭށޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އެޓެސްޓު ހެއްދެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ރައީސް ޔާމީން އަރިހު ދެންނެވި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.