މިހާތަނަށް ކޮވިޑް-19ގެ ކަންކަމަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްފި
މިހާތަނަށް ކޮވިޑް-19ގެ ކަންކަމަށް 560 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑަށް ސަރުކާރުން ލާފައިވާ ފައިސާ ކަމަށެވެ.
އެއީ 10 މަސްދުވަހުގެ މުއްދަތަކަށް ކާޑުގެ ބާވަތްތައް ޔަޤީންކުރުމަށް ކަނޑައަޅާފައިވާ ފައިސާކަމަށްވުމުން އެފައިސާ ބޭނުންކޮށްފައިވަނީ އެސްޓީއޯއިންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ފައިސާއަކީ އެސްޓީއޯއިން ކާޑު ވިއްކުމަށްފަހު އަނބުރާ އެފަންޑަށް ޖަމާކުރާނެ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޓޫރިޒަމް ޓްރަސްޓް ފަންޑުން ވެސް 11 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، އެންޑީއެމްއޭ އަދި ހެލްތް މިނިސްޓްރީން މެޑިކަލް އިކުއިޕްމަންޓް، ބޭސްފަރުވާ، އެންއީއޯސީ ހިންގުމުގެ ހަރަދުތަކާއި އެހެނިގެން ހަރަދުތަކަށް 386 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމަށް 36 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެތަނަށް ބޭނުންވާ ސިއްހީ ސާމާނު ގަތުމަށް 19.5 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އަށް 5.9 މިލިއަން ރުފިޔާ ފުރަތަމަ ހަރަދުކުރި ކަމަށާއި އަދި ފަހުން އިތުރު މަރާމާތަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އާއި ގުޅިގެން ހެދުމަށް ނިންމާފައިވާ އައިސީޔޫ އާއި އައިސޮލޭޝަން ރޫމްތަަކަށް 27 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އަދި ފޮރިން މިނިސްޓްރީގެ ފަރާތުން 5.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށާއި، ރާއްޖޭން ބޭރުގައި ކިޔަވަމުންދިޔަ ޑޮކްޓަރުން އަނބުރާ ގެނައުން ފަދަ ކަންކަމަށް ހޭދަކުރި ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.