ޚަބަރު

ފައްސިވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ތާނގައިވެސް ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށް ބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަފްޒަލް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފެތުރެން ފެށުމާއެކު ހެދި ޕްރޮޖެކްޝަނުން ދައްކާ ނަމްބަރުތަކާއި އަރަން އަދި ގާތްވެސް ނުވާ ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޝަނުން ބަލާނަމަ ކޭސްތަކުގެ އަދަދު ދަށަށް ދިޔުމުގެ ކުރިން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި މަސް ނިމޭއިރު ވެސް ކޭސްތަކުގެ އަދަދު މަދުވާނެއޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފެނިގެން އުޅޭ އާ ކްލަސްޓާތަކުގެ ސަބަބުން އެ ކްލަސްޓާތަކުން ނެގޭ ރެންޑަމް ސާމްޕްލިން އިން ވެސް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ކްލަސްޓާތަކުން ބޭރުގައި ވެސް ކިހާ ވަރަކަށް ޕޮޒިޓިވް ކޭސްތައް ހުރިކަން އެނގޭ ކަމަށެވެ.

"އެ އެނގުނީމަ ބޮޑަށް އެނގޭނީ ދެން އެ ކްލަސްޓާތަކުގެ ބޭރުން ފެންނަ ބަޔަކާއި، ކްލަސްޓާކުން އިތުރަށް ފެންނަ މީހުންތައް ދެނެގަނެވި މިހާރު ހުރި ކޮންޓެކްޓްސްތަކުގެ ތެރެއިން ވެސް ރެންޑަމް ސާމްޕްލިން ރާވާނަން. އަދި އޭގެތެރެއިން ވެސް އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލްތައް ވެސް ނަގާނަން. މި ސާމްޕަލްތަކުގެ ނަތީޖާ ލިބޭ މިންވަރަކުން ކުރިއަށްދާން ލަފާކުރެވޭނީ" އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 226 މީހަކު ފައްސިވެފައިވާއިރު، އިއްޔެ އެކަނިވެސް 73 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!