އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ލިސްޓު އިސްލާހު ކުރަން އަންގައިފިން: މަހްލޫފް

އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި މައްސަލަތަކެއް ހުރުމުން އެކަންކަން ބަލައި އިސްލާހު ކުރަން ވާނީ އަންގައިފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ޖަމިއްޔާތަކެއް އުވާލުމަށް ނިންމާއެކަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު މިނިސްޓަރު މަހްލޫފް ވިދާޅުވީ ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެމަނިކުފާނަށްވެސް ފެނިވަޑައިގަތީ ނޫސްތަކުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށެވެ.
"އަދި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައް ވެސް އެބަހިމެނޭ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ އަޅުގަނޑަށް ލިބިފަ. މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ." މަހްލޫފް ވިދާޅުވިއެވެ.
އުވާލުމަށް ނިންމާ އިއުލާން ކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ކުރީގެ ރައީސް މައުމޫންގެ މައުމޫން ފައުންޑޭޝަނާއި ސަލަފް ޖަމްއިއްޔާވެސް ހިމެނެއެވެ. މިދެ ޖަމިއްޔާ ހިމެނޭހެން ޖުމްލަ 1989 ޖަމިއްޔާއެއް އުވާލަން އެ މިނިސްޓްރީ އިން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.







ކޮމެންޓް