ޚަބަރު

އެމީހަކީ ކާކުކަން މުހިންމެއް ނޫން، މުހިންމީ ކުރާ މަސައްކަތް: ޑިފެންސް މިނިސްޓަރ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ ދިފާޢުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވައިފިއެވެ.

އެގޮތުން މިނިސްޓަރ މާރިޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާމެދު ރައްޔިތުންގެ ޝަކުވާތަކެއް އޮތްކަމަކަށް ނުފެންނަ ކަމަށެވެ.

މިނިސްޓަރކަން ލިބިވަޑައިގެންނެވީ ޤާސިމް އިބްރާހިމްގެ އަނބިކަނބަލަކަށް ވެގެން ނޫން ކަމަށް ނަހުލާ ވިދާޅުވި ޚަބަރެއް ހިއްސާ ކުރައްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގަންނަވާ ކޮންމެ ފަހަރަކު މިނިސްޓަރ ނަހުލާ ވަނީ ޖަވާބުދާރީ ވެފައި ކަމަށެވެ.

"ކޮރަޕްޝަންގެ އެލިގޭޝަނެއް ނެތް. އެމީހަކީ ކާކުކަން މުހިންމެއް ނޫން، މުހިންމީ މީހާ ކުރާ މަސައްކަތް" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މީހަކު މިނިސްޓަރު ނަހުލާ ގާތު އައްސަވާފައި ވަނީ، އެމަޤާމު ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަކަށް ވުމުން ކަމަށް ގަބޫލުކުރައްވާތޯ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ކެބިނެޓަށް ވަޒީރަކު އައްޔަނު ކުރައްވާނެ ކަމަށް ވަކި މީހެއްގެ އަނތްބަކަށް ވެގެން،" ޖަވާބުގައި ނަހުލާ ވިދާޅުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!