ޚަބަރު

ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލުކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަކީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ.

އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުމާއެކު، އެ އިންތިޚާބުގެ ބޭއްވުމަށްޓަކައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިޚާބު ބޭއްވުމަށް އަލުން ކަނޑައަޅާ ތާރީޚަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!