ވަޅި ޖެހި މައްސަލާގައި ހެކި ނެތިގެން ދޫކޮށްލި މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށް ހެކި ނެތުމުން ދޫކޮށްލި 8 މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގެ މަގެއްގެ މަތިން ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި 8 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލާގައި ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ދައުވާކުރެވެން ނެތްކަމަށް ޕީޖީން ނިންމުމާ ގުޅިގެން މިމައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާއި ގުޅިގެން ސީޕީ ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ކުރި ތަޙްޤީޤާއި މިކަމުގައި ފުލުހުން ޢަމަލުކުރިގޮތް އަލުން ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤާނޫނީ ވަކީލަކާއި، ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ޕެނަލެއް ބާއްވަވާފައިވާކަމަށެވެ.
މި މައްސަލާގައި ފުލުހުން އެކަށީގެންވާވަރުގެ ތަހުގީގެއް ހިންގާފައިވާކަމަށާއި، ދައުވާކުރުމަށް އެކަށީގެންވާ ހެކި ހޯދުމާ އިތުރު ކުރިއެރުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.
The Home Minister @ShimranAb and I sat on a panel yesterday that reviewed police investigation of the 4th Feb HulhuMale’ stabbing case. Panel comprised of senior police officers in non-investigative roles and a senior lawyer from the President’s Office.
— Mohamed Hameed (@M_Hameedh) May 10, 2020
ހަމީދު ވިދާޅުވީ އެމީހުން ދޫކޮށްލާފައި ތިބޭ މުއްދަތުގައި މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހައިކޯޓުން ނެރެފައިވާ މޮނިކޮމް ޢަމުރުގެ ދަށުން އެމީހުން މޮނިޓަރ ކުރެވެމުންދާކަމަށެވެ.
މި މައްސަލާގައި ހިމެނޭ އަށް މީހުންގެ ފައިގައި ޓެގް އަޅުވައިގެން މޮނިޓަރ ކުރުމަށް ޢަމުރު ނެރެފައިވަނީ އެއްދުވަހުގެ މުއްދަތަކަށެވެ.