ޚަބަރު

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ގާނޫނުގައި ލިޔަން ޖެހޭ: މަލީހް

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ގާނޫނުގައި ލިޔަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިިވެވަޑައިގެން މެމަބަަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ކަމަށާއި، އަދި އެ މަސައްކަތް ފަށަންޖެހޭކަމަށެވެ.

މަލީހް ވިދާޅުވީ ރައްޔިތުންނަށް ލިބޭ އިންޓަނެޓްގެ ހިދުމަތަކީ ރަނގަޅު ފެންވަރުގައި ލިބޭ އިންޓަނެޓް ހިދުމަތަކަށް ހެދުމަށް ސަރުކާރާއި މަޖިލީހުން ގުޅިގެން މަސައްކަތް ކުރުމުން ހައްލު ލިބޭނެކަމަށެވެ.

"އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ. އެ ކަމަށް ޓަކައި ގާނޫނަށް ގެންނަ ބަދަލު ގެނައުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ކޯލިޝަން ސަރުކާރުން ފަށަން ޖެހޭ މަސައްކަތެއް." މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓަކީ ވެސް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމުން އެ ހިދުމަތް ދިނުމުގައި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އާއި ކޮންޓްރޯލްތަކެއް އާދެވޭ ގޮތަށް ހަމަޖެހޭނެ ކަމަށެވެ. ނޫނީ ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެން ވެސް އެ މަސައްކަތް ކުރެވި ދާނެ ކަމަށެވެ.

މަލީހު ވިދާޅުވީ އިންޓަނެޓާއި މުއާސަލަތީ ހިދުމަތާ ގުޅުން ހުރި ގާނޫނުތަކަށް އިތުރު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށާއި އިތުރު ގާނޫނުތައް ވުޖޫދަށް ވެސް ގެންނަން ޖެހޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!