އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ގައުމު ތަކުގެ ލިސްޓުގެ 33 ވަނައިގައި ރާއްޖެ!
ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އާބާދީގެ ނިސްބަތުން އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ގައުމު ތަކުގެ ލިސްޓުގެ 33 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު އާބާދީގެ ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 1545 މީހުންނަށް ނުވަތަ 0.155 ޕަސެންޓު މީހުން ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވާއިރު މިއީ ސާކު ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ބޮޑު އަދަދެކެވެ.
ސާކުގެ ގައުމުތައް ބަލައިލާއިރު އާބާދީގެ ނިސްބަތުން ކޮވިޑަށް ފައްސިވި މީހުން އެންމެ ގިނައީ ރާއްޖޭގައިއެވެ. ރާއްޖެ ދޫކޮށް ފައްސިވި މީހުން ދެން އެންމެ ގިނަ ޕާކިސްތާނުގައެވެ. އެ ގައުމުގެ އާބާދީގެ ނިސްބަތުން ފައްސި ވެފައި ވަނީ މިލިއަނަކުން 133 މީހުން ނުވަތަ 0.013 ޕަސެންޓު މީހުންނެވެ.
ސާކު ސަރަހައްދުން އެންމެ ދަށުގައި އުޅެނީ ނޭޕާލެވެ. 29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭފާލް އިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ 110 މީހުންނެވެ. އާބާދީގެ ނިސްބަތުން އެއީ ކޮންމެ އެއްމިލިއަނަކުން އެންމެ ހަތަރު މީހުންނެވެ.
ެމި ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ސާކުގެ ހުރިހާ ޤައުމެއްގެ ކޭސްތައް އާބާދީގެ ނިސްބަތުން ބަލައިލިނަމަވެސް އޭގެ 78 ޕަސެންޓު އެއީ ރާއްޖެއެވެ.
މީގެ އިތުރުން މުޅި ދެކުނު އޭޝީއާގެ ހުރިހާ ގައުމުތަކަށް ބަލައިލާއިރުވެސް އާބާދީގެ ނިސްބަތުން ކޮވިޑަށް ފައްސިވި މީހުން އެންމެ ގިނައީ ރާއްޖޭގައިއެވެ.
މުޅި އޭޝިޔާ އަށް ބެލި ނަމަވެސް އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމުތަކުގެ ލިސްޓުގެ 8 ވަނައިގައި އޮތީ ރާއްޖެއެވެ.