ޚަބަރު

ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު

ރާއްޖޭގައި ދޭން އުޅުނު ނިރުބަވެރި (ޓެރަރިސްޓު) ހަމަލާއާއި ގުޅިގެން ތ. ތިމަރަފުށިން އިތުރު ދެމީހަކު ހައްޔަރު ކޮށްފިއެވެ.

Ads by MWSC

ރާއްޖޭގައި ދިރިއުޅޭ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މިހަމަލާއާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ހާމަ ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.

ނިރުބަވެރި މިހަމަލާއާއި ގުޅޭގޮތުން މައުލޫމާތު ލިބިގެން މީގެ ކުރިން ހަ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މިއެންމެން ވެސް ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައި ވަނީ މިތުހުމަތާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މިދެމީހުންގެ ތެރެއިން އެކަކީ އެރަށު ސްކޫލުގައި މަސައްކަތް ކުރާ މީހެކެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ އެއާޕޯޓުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައި އޮަޕަރޭޝަނެއް ފަށާފައިވާކަން އިއުލާނު ކޮށްފައެވެ.

މިހަމަލާ ދޭން އުޅުނީ ރާއްޖޭގެ ކޮން ހިސާބެއްގައި، ކިހިނެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!