ބޮލީވުޑް މުނިފޫހިފިލުވުން

މީހުންނަށް އެހީވުމުގައި ސޯނޫ ސޫދު ފަހެއް ނުޖެހޭ، ލޯނު ނަގައިގެން ވެސް އެހީވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސޯނޫ ސޫދު އަބަދުވެސް ފާހަގަ ވެފައިވަނީ އެކި ގޮތްގޮތުން މީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން ޔަތީމު ކުދިންނަށް އެހީވުމާއި، ދިރިއުޅުމުގެ ހާލަތު ދަށްވެފައި ތިބި މީހުންނަށް ކާނާ އާއި ފައިސާ ދިނުން ވެސް ހިމެނެއެވެ.

Ads by Hajj Corporation

ދާދި ފަހުން އޭނާ މިވަނީ، ކޮވިޑްގެ ބަލިބަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވި އެހެން އަވަށްތަކުގެ މީހުންނަށް އެހީތެރިވެފައެވެ. އެގޮތުން އެމީހުން އެނބުރި އެމީހުންގެ އާއިލާ ކައިރިއަށް ދިޔުމަށް ފްލައިޓް ޗާޓަރކޮށް، ބަސް ދަތުރު ހަމަޖައްސައި ދިނުމާއި، ޓްރޭނުގައި ދަތުރު ކުރެވޭނެ އިންތިޒާމުތައް ވެސް ސޯނޫ ސޫދު ހަމަޖައްސައިދިނެވެ.

އެތައް ބަޔަކަށް މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ސޯނޫ އެވަރަށް ފައިސާ ހޯދި ގޮތަކާމެދު ބައެއް މީހުން ސުވާލު އުފެދުނެވެ. އެނގިފައިވާ ގޮތުގައި ސޯނޫ ވަނީ މީހުންނަށް އެހީތެރިވުމަށް 10 ކްރޯޑް ރުޕީސް ގެ ލޯނެއް ނަގާފައެވެ. އޭނާ އެލޯނު ނެގީ މުމްބައި ގެ ޖޫޙޫ ގައި ހުންނަ އޭނާގެ އަށް ޕްރޮޕަޓީއެއް މޯގޭޖް ކޮށްގެންކަން ފަހުން ވަނީ އެނގިފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސޯނޫ ވަނި އޭނާގެ ހަ ފްލެޓަކާއި ދެ ފިހާރައެއް މޯގޭޖް ކޮށްފައެވެ. އެވަރު ބޮޑު ލޯނެއް އޭނާ ނެގީ ވީހާ ވެސް ގިނަ މީހުންނަށް އެހީތެރިވުމަށްޓަަކައި ކަމަށް ވެސް ބުނެފައިވެއެވެ. އޭނާއަށް ލޯނު ދޫކޮށްފައިވަނީ ސްޓޭންޑާޑް ޗާޓާރޑް ބޭންކުންނެވެ.

ސޯނޫ އަށް ލޯނު ދިނުމުގެ އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. ނަމަވެސް ލޯނު ރެޖިސްޓަރވީ ނޮވެމްބަރ 24 ގައެވެ. ލޯނު ރެޖިސްޓަރ ކުރުމަށް 5 ލައްކަ ރުޕީސް ދައްކަން ޖެހުނު ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ސޯނޫގެ މިފަދަ އެހީތެރިކަމުގެ ނަތީޖާއެއްގެ ގޮތުން، އިނގިރޭސިވިލާތުން ނެރޭ "އީސްޓަން އައި" ނޫސްޕޭޕަރުގައި، އޭޝިއާގެ ނަންބަރ 1 ވަނަ ސެލެބްރިޓީ އަކަށް ވެސް ހޮވިފައިވަނީ އޭނާ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!