ދީން

ދީނީ ސުވާލު: ނަމާދުގައި ސަޖިދައަށް ތިރިވާއިރު ފުރަތަމަ ޖައްސަންވާނީ ދެ އަތްތިލަތޯ؟ ނުވަތަ ދެ ކަކޫތޯ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަމާދުގައި ސަޖިދައަށް ތިރިވާއިރު ފުރަތަމަ ޖައްސާނީ ދެ އަތްތިލަތޯ ނުވަތަ ދެ ކަކޫތޯ، މިއީ ވަރަށް ގިނަ ފަރާތްތަކުންގެ ހިތުގައި އުފެދޭ ސުވާލެކެވެ.

Ads by Hajj Corporation

މިސުވާލުގެ ޖަވާބުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފު ވިދާޅުވެފައި ވެއެވެ:

"ސަޖިދައަށް ތިރިވާއިރު ފުރަތަމަ ޖައްސާނީ ކަކޫތޯ ނުވަތަ ދެއަތްތިލަތޯ މިއީ ޢިލްމުވެރިން ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ.

ޢިލްމުވެރިންގެ އެއްބަހަކީ ދެ ކަކޫ ޖެއްސުމެވެ.

މިއީ އިމާމް އަބޫ ހަނީފާ رحمه الله އާއި އިމާމް ޝާފީ رحمه الله ގެ މަޛްޙަބެވެ. އަދި އެއް ރިވާޔަތެއްގައި އިމާމް އަޙްމަދު رحمه الله ގެ ބަސްފުޅެވެ. އަދި ކިއެއްތަ އިމާމް ތިރްމިޒީ رحمه الله މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅު ކަމުގައި ވިދާޅުވިއެވެ. ސުނަނު ތިރްމިޒީގައި މިއީ މިއީ ގިނަ ޢިލްމުވެރިންގެ ޢަމަލުތައް ހުރިގޮތް ކަމުގައި ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ: ވާއިލް ބުން ޙުޖްރުގެ އަންނަނިވި ދަލީލެވެ.

قال : رأيت رسول الله صلى الله عليه وسلم إذا سجد يضع ركبتيه قبل يديه ، وإذا نهض رفع يديه قبل ركبتيه. رواه أبوداود والترمذي والنسائي وابن ماجة والدارقطني (1/345)
ވިދާޅުވިއެވެ. 'ސަލާމާތް ޞަލަވާތްލެއްވި ކީރިތި ރަސޫލާ (ޞޢޥ) ސަޖިދަ ޖައްސަވާނަމަ ދެއަތްޕުޅުގެ ކުރިން ދެ ކަކޫފުޅު ޖައްސަވާތީއާއި، ސަޖިދައިން ތެދުވެ ވަޑައިގަންނަވާއިރު ދެ ކަކޫފުޅުގެ ކުރިން ދެއަތްޕުޅު ނަންގަވާތީ އަހުރެން ދެކުނީމެވެ.'

ޢިލްމުވެރިންގެ އަނެއް ބަހަކީ ފުރަތަމަ ދެއަތް ޖެއްސުމަށް އައިސްފައި އޮތް ބަސްފުޅެވެ.

މިއީ އަލް އިމާމް މާލިކު رحمه الله ގެ މަޛްޙަބެވެ. އަދި އަލްއިމާމުލް ޢައުޒާއީ رحمه الله އާއި ޙަދީޘް ޢިލްމުވެރިންގެ ބަސްފުޅެވެ.
މިބޭފުޅުންގެ ބަސްފުޅަކީ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވާ އަންނަނިވި ހަދީޘެވެ.

قال : قال رسول الله صلى الله عليه وسلم : إذا سجد أحدكم فلا يبرك كما يبرك البعير وليضع يديه قبل ركبتيه.
ވިދާޅުވިއެވެ. 'ސަލާމާތް ޞަލަވާތްލެެއްވި ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ސަޖިދަ ކުރާނަމަ ޖަމަލު ބަނޑުޖަހާހެން ބަނޑު ނުޖައްސާށެވެ. ކަކުލުގެ ކުރިން ދެއަތް ޖައްސާށެވެ.'

މިދެ ރިވާޔަތަށް ބަލާއިރު ސަނަދުގެ ގޮތުން އެންމެ ސައްޙަ ރިވާޔަތަކީ ދެ ކަކުލުގެ ކުރިން ދެ އަތްތިލަ ޖެއްސުމަށް އޮތް ރިވާޔަތެވެ. ވީމާ ފުރަތަމަ ދެއަތް ޖެއްސުމަށް އޮތް ބަހަށް ބުރަވެއެވެ.

ކޮންމެ ގޮތަކަށް ޢަމަލު ކުރިނަމަވެސް އެމީހާގެ ނަމާދު ސައްޙަ ވާނެއެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!