ލޯބިވާކަން ސާބިތު ކޮށްދެވޭނީ އަމަލުންނެވެ. ބުނާ ބަހަކުން ނޫނެވެ.
ބައެއް ފަހަރަށް ލޯބި ނުވާ އިރުގައި ވެސް ލޯބިވެޔޭ ބުނާ މީހުން އުޅެއެވެ. ތެދެކެވެ. ލޯބިވެޔޭ ބުނުމަކީ ނުވަތަ “އައި ލަވް ޔޫ” އޭ ބުނުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް ދުލުން ލޯބިވެޔޭ ބުނެލައިގެން އެކަން ހަގީގަތުގައި ސާބިތުކޮށް ނުދެވޭނެ ކަން ގައިމެވެ.
ލޯބިވާކަން ސާބިތު ކޮށްދިނުމަށްޓަކައި ބުނާ ބަހަށްވުރެ މުހިންމީ ތިބާގެ އަމަލުތަކެވެ. ތިބާގެ އަމަލުތައް ތިބާގެ ބަހަށްވުރެ އަޑުގަދައެވެ. ތިބާ މީހަކު ދެކެ ލޯބިވާނަމަ ތިބާ އޭނާ ދެކެ ލޯބިވާކަން ސާބިތުވާ ފަދަ ކަންކަން ކޮށްދޭށެވެ. އޭނާގެ ހިތާމަތަކުގައި ބައިވެރިވާށެވެ. އޭނާއަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވުމުން ގެއްލޭ މީހަކަށް ތިބާ ނުވާށެވެ. ހަގީގީ ލޯބިވާނަމަ ކޮންމެފަދަ ކަމެއް ދިމާވި ނަމަވެސް ތިބާ އޭނާގެ ގާތުގައި ހުންނަން ޖެހޭނެއެވެ.
ލޯބިވެޔޭ ބުނުމަށްފަހު ތިބާ އޭނާއަށް ވަގުތު ނުދޭ ނަމަ ނުވަތަ އޭނާއަށް އަޅާ ނުލާނަމަ އޭނާ ކުރާނެ ހިތާމަ ތިބާ ވިސްނާލަ ބަލާށެވެ. ތިބާ އޭނާ ބުނާ އެއްޗަކަށް އަޅާ ނުލާ ނުވަތަ މުޅި ދުވަހު އޭނާއަށް ޚަބަރެއް ދަބަރެއް ވެސް ނުވެ އުޅެފައި އައިސް "އައި ލަވް ޔޫ"އޭ ބުނުމުން ތިބާ އޭނާ ދެކެ ލޯބިވާކަމަށް އޭނާ ގަބޫލު ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. ލޯތްބަކީ ކުޅޭ ކުޅޭ އެެއްޗެއް ނޫނެވެ.
ލޯބިވާނަމަ އަނެކާގެ އިހްސާސްތަކަށް އިހްތިރާމް ކުރަން ދަންނާށެވެ. އަނެކާއަށް އޯގާތެރިވާން ދަސް ކުރާށެވެ. އަނެކާއަށް ވަގުތު ދޭން ދަސްކުރާށެވެ. އަނެކާއަށް އިތުބާރު ކުރާށެވެ. ކިތަންމެ ދަތި ހާލަތެއްގައި ވެސް އޭނާއާ އެކު ވާށެވެ. ލޯބިވާކަން ސާބިތު ކޮށްދެވޭނީ އަމަލުންނެވެ. ބުނާ ބަހަކުން ނޫނެވެ.