ތިބާގެ ލޯބިވެރިޔާއަށް އެންމެ ފުރަތަމަ ދިނީ ކޮންކަހަލަ ސެންޓެއް؟
ކައިވެންޏެއް ދެމެހެއްޓުމަށް ޓަކައި އެކަކު އަނެކަކާއި އަޅާލާ ލޯތްބާއި ވަގުތު ދިނުމުގެ އިތުރަށް ހަދިޔާ ދިނުމަކީ ކައިވެނީގެ ގުޅުން ދިރިގެންދާ ކަމެކެވެ. ކައިވެންޏަށް ގިނަ ދުވަސްވުމަށްފަހު ވެސް މި އާދަ ހިފަހައްޓާ މީހުން މަދެއް ނޫނެވެ. ނަމަވެސް ކައިވެނީގެ ކުރީކޮޅުގައި ނުވަތަ ކުއްްޖަކާއި ރައްޓެހިވެގެން އުޅޭ އިރުގައި މިއީ ހަމަ ކޮންމެ މީހަކު ވެސް ކުރާ ނުވަތަ ކުރާނެ ކަމެކެވެ.
ހަދިޔާގެ ގޮތުގައި މީރު ވަސް ދުވާ މާތަކުން ފެށިގެން އަގު ބޮޑެތި އެތަކެއް އެއްޗިހި އެކި މީހުން ދީ އުޅެއެވެ. މީގެ ތެރެއިން ވެސް ހަދިޔާގެ ގޮތުގައި ތިމާގެ ލޯބިވެރިޔާއަށް ނުވަތަ އަނބިމީހާއަށް އެންމެ ގިނަ ބަޔަކު ދޭ ނުވަތަ ދީފައިވާނެ އެކައްޗަކީ ސެންޓެވެ. އެގޮތުން ދޭ ސެންޓަކީ ކައިވެންޏަށް އެތައް ދުވަހެއް ވެގެން ދިޔަ ނަމަވެސް ހަނދާން ހުންނަ ނުވަތަ ހަނދާން އާވާ އެއްޗެކެވެ.
ރައްޓެހިވެގެން އުޅުނުއިރު ނުވަތަ ކައިވެނީގެ ކުރީކޮޅުގައި ތިމާގެ ބައިވެރިޔާއަށް ދީފައިވާ ސެންޓެއްގެ ވަސް ޖެހުމުން އުފާވެރި އެ ދުވަސްތަކުގެ ހަނދާންތައް އާވެއެވެ. ބައިވެރިޔާއާއެކު ހަނދުވަރުގެ ރީތި އަލީގައި ދޮންވެލި ގޮނޑުދޮށްތަކާއި ، ހަމަހިމޭން މާހައުލުތަކުގައި ހޭދަކުރި އުފާވެރި ދުވަސްތައް މަތިން ހަނދާންވެ އުފާވެރިކަން އިހްސާސްވެއެވެ. ލޯބިވެރިޔާއާއެކު އެ ދުވަސް ތަކުރާރުކުރަން ބޭނުންވެއެވެ.
މިގޮތުން ހަދިޔާގެ ގޮތުގައި ދީފައިވާ ސެންޓަކީ ކޮންމެ މީހަކަށް ވެސް ޚާއްޞަ ސެންޓެކެވެ. ބައެއްފަހަރު ކައިވެނީގެ އެނިވާސަރީގައި އެ ހަދިޔާ ތަކުރާރުކޮށް ކުރީގެ ހަނދާންތައް އާކުރާ މީހުން ބައިވަރެވެ. ހަމައެހްންމެ އޭރު ލޯބީގެ ގުޅުމުގައި މީރު ވަސް ދުއްވާލި ސެންޓް ނުލިބިގެން އުޅޭ މީހުން ވެސް އުޅެއެވެ. އޭގެ ތެރެއިން މީހެއް ކަމުގައި އަހަރެން ވެސް އެބަވަމެވެ.
އެހެންވީއިރު ބުނެބަލާށެވެ. ތިބާގެ ލޯބިވެރިޔާއަށް އެންމެ ފުރަތަމަ ހަދިޔާ ކުރީ ކޮންކަހަލަ ސެންޓެއް ހެއްޔެވެ؟