ޚަބަރު

އިންޑިއާއިން ހިމަބިހި ވެކްސިނުގެ 30،000 ޑޯޒް ހަދިޔާ ކޮށްފި

ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެއަށް ހަދިޔާ ކޮށްފި އެވެ.

ހެލްތު މިނިސްޓްރީންގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ދެ ލައްކަ މީހުންނަށް ވެކްސިން ދޭން ސަރުކާރުން ފެށި ޕްރޮގްރާމަށް އިންޑިއާ ސަރުކާރުގެ އެހީގައި 30،000 ޑޯޒް މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.

"އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކައި ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް" މިނިސްޓަރު ވިދާޅުވިި އެވެ.

މިހާތަނަށް ހިމަބިއްސަށް 79 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭގައި އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އަމީން ވިދާޅުވި ގޮތުގައި ހިމަބިއްސަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެ މީހަކު ވަށައިގެން ދިރިއުޅޭ މީހުންނަށް ވެކްސިން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ހިމަބިއްސަށް ވެކްސިން ދިނުމުގެ ގޮތުން ދެލައްކަ މީހުންނަށް ވާވަރަށް ވެކްސިން ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީން ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެ ވެކްސިންތައް ގެނައުމާއި އެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!