ޚަބަރު

މަޖިލީހުގެ ރައީސް ނަޝީދު ވަނީ މެންޑޭޓުން ބޭރުވެފައި: ޑރ. ޚަލީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަނިކުފާނުގެ މަގާމުގެ މެންޑޭޓުން ބޭރުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ޑރ. ޚަލީލް ވިދާޅުވީ ގާނޫނުތައް އެއްފަރާތް ކުރުމަށްފަހު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލްކުރުމަށް ކަމަށެވެ.

ޑރ. ޚަލީލް މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމޮތީ ސޯޔާ އާ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެފަދަ ފަރާތްތަކާ ބައްދަލުކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ މަޖިލީހުގެ ރައީސްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މީގެކުރިން ވެސް މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެކި ފަރާތްތައް މަޖިލީހުގެ އިދާރާއަށް ހާޒިރުކުރައްވައި އެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!