ޚަބަރު

ސިޓީ ކައުންސިލްގެ އެފްބީ ޕޭޖުން ޝިފާގެ ކެމްޕެއިން ފޮޓޯތަކެއް ޕޯސްޓް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލްގެ ފޭސްބުކު ޕޭޖުން މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕެއިން ފޮޓޯތަކެއް ޕޯސްޓުކޮށްފިއެވެ.

Ads by MWSC

މިރޭގެ ވަގުތެއްގައި އެ ކައުންސިލްގެ އެފްބީ ޕޭޖުން ވަނީ ވިލިމާލޭގައި ދޮރުން ދޮރަށް ޝިފާ ކުރެއްވި ކެމްޕެއިންގެ 27 ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯތައް ޕޯސްޓުކުރުމަށްފަހު ޝިފާގެ ކެމްޕެއިން ހޭޝްޓެގްތައް ވެސް ލިޔެފައިވެއެވެ.

އެ ފޮޓޯތައް ޕޯސްޓްކުރިތާ 39 ވަރަކަށް މިނިޓްފަހުން ވަނީ އެ ޕޯސްޓުތައް ޑިލީޓްކޮށްފައެވެ.

މޭޔަރު ޝިފާއާއި އެ ކައުންސިލްގެ އެހެން މެމްބަރުންނާ މެދު ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ކައުންސިލްގެ ބައެއް މަސައްކަތްތައް ނުކުރެވެނީ މެމްބަރުން އެކަމަށް ހުރަސްއަޅުއްވާތީ ކަމަށް ޝިފާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި އެ ވާހަކައަށް ބައެއް ކައުންސިލަރުން ވަނީ ރައްދުދީފައެވެ.

މިހާރަކަށް އައިސް ކުއްލިއަކަށް މާލޭ ސިޓީ ކައުންސިލް ހަރަކާތްތެރިވާން ފަށައިފި ކަމަށާއި އެއީ ކެމްޕޭން ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް މޭޔަރު ޝިފާ ވަނީ ދޮގު ކުރައްވާފައެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގަށް ސިޓީ ކައުންސިލް އިދާރާ ބަލައި ފާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!