މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި
މި ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ތުހުމަތު ކުރައްވައިފިއެވެ.
ކ. ގުރައިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ މި ސަރުކާރުން މަޝްރޫތައް ހިންގަން ރައީސް އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތް ބައެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. މިއީ ކޯލިޝަން ސަރުކާރަކަށް ވާއިރު ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރައީސާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް އަދި މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ. ރައީސް ކަމަކާ ދެކެވަޑައިގަންނަވާ ގޮތާއި، އަދި ދެން އެހެން ސަރުކާރުގައި ތިއްބަވާ އެހެން ވުޒާރާތަކާއި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކަން ކުރިއަށް ގެންދަން ދެކެވަޑައިގަންނަވާ ގޮތާއި މި ފުށުއަރާ އެރުން އެއީ ކަންތައްތައް ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ކަންކަން ކުރައްވަން ބޭނުންފުޅުވާ ގޮތާއި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ބޭނުންފުޅުވާ ގޮތާ ހިޔާލު ތަފާތުވުމަކީ ކަންކަން ލަސްވަން މެދުވެރިވާ ސަބަބު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސަށް އެބަ ޖެހިވަޑައިގަންނަވާ ކޮންމެ ކުންފުންޏެއްގައި ހުންނަ ކޮންމެ ކާތިބަކަށް ވެސް. ކޮންމެ ޕިޔޯނަކަށް ވެސް. މަސައްކަތު މީހަކަށް ވެސް އަނެއްކާވެސް އިތުރު އިރުޝާދެއް ދެއްވަން،" މަޝްރޫތައް ލަސްވާ ސަބަބު ނަޝީދު ވިދާޅުވެ ދެއްވި އެވެ.
އެމްޑީޕީން ނިކުމެ އޮތީ އެންމެ މަގްސަދަކަށް ކަމަށާ އެއީ ގައުމު ތަރައްގީކޮށް، ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދާދިނުން ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ވެރިކަން ހިންގުމާއި، ރަށްރަށް ހިންގުމުގެ ފުރިހަމަ ބާރުވެރިކަން އޮންނަންވީ އެމްޑީޕީއަށް ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާން މިތިއްބެވީ "ދަތުރަށް އަރައި" ކަމަށާއި މިތިއްބެވީ މޮޅުވާން ކަމަށެވެ. އެބޭފުޅުންނާ ވާދަ ކުރެވޭނެ ސިޔާސީ ޕާޓީއެއް ވެސް ލީޑަރެއް ވެސް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން ކަމަށް ދާދި ފަހުން އެމްޑީޕީގެ ކެމްޕެއިން ދަތުރެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް އެ ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރޭ ރައްދު ދެއްވާފައެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ސަރުކާރުން ކަމެއް ކޮށް ނުދެވެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެ ކޯލިޝަން ހޯދަން ސަލާން ޖެއްސެވި ދުވަސް ހަނދާން ނެތުނީތޯ ސުވާލު އުފެއްދެވިއެވެ.