ޚަބަރު

އަޅުގަނޑުމެން ބަލި ކުރެވޭނެ ސިޔާސީ ޕާޓީއެއް އަދި ވެރިއެއް ވެސް ނެތް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނު ތިއްބެވީ ދަތުރަށް އަރާ ކަމަށާއި އިންތިހާބެއްގައި ވާދަކޮށްގެން ބަލިކޮށްލެވޭނެ ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ވެރިއެއް ވެސް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކ.ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ދަތުރަށް ރައީސް ސޯލިހާއެކު އަރާ ހުންނެވި ކަމަށާއި ދަތުރަށް އަރާ ތިއްބެވީ މޮޅުވުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެންނާ އިރާދަކުރެއްވިއްޔާ ވާދަކުރެވޭނެ ހަމަ އެއްވެސް ސިޔާސީ ޕާޓީއެއް ވެސް، ސިޔާސީ ވެރިއެއްވެސް މި ދިވެހިރާއްޖޭއަކު ނުހުންނާނެ. ފެނިވަޑައިގަންނަވަންޏާ އެމީހަކު ހޯއްދަވައިގެން ގެންނަވަންވީ އަޅުގަނޑުމެން ކައިރިއަށް. ބަލިކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލިކޮށްލާނަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރައްޔިތުންދޭ ކޮންމެ ވޯޓަކީ އެޅޭ މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންގެ ވެރިންނަށް ވުމަށް އެދޭ ބާރާއި ޒިންމާ ބޭނުންކުރަނީ ވިސްނުންތެރިކަމާއި ބުއްދިވެރި ކަމާއެކު ކަމަށާއި ބާރުތައް އެއްކޮށްގެން ސިޔާސީ ހަޔާތެއް ރޭއްވެވުމަށް ރައީސް ސޯލިހު ނުވިސްނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން ސިޔާސީ ހަޔާތެއް އަބަދުވެސް ރާވަމުން ގެންދާނީ ރައްޔިތުންގެ ތަރައްގީއަށްޓަކާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!