ޚަބަރު

އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ: ނަޝީދު

އަންހެން ކުދިން ހިތާނަ ކުރުމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ގުޅޭ ގާނޫނެއް ފާސްކޮށް ތަސްދީގުވެސް ކުރައްވާފައިވާކަން ފާހަގަކުރައްވ ރައީސް ނަޝީދު ވިދާޅުވީ އެކުދިން ހިތާނަ ކުރުމޭ ކިޔައިގެން އެ ކުރެވެނީ ޖިންސީ އަނިޔާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައުޔެއް ހޯދަން އެދިފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހަކީ ދީނީ ކަންކަމުގައި އެންމެ ފަހުބަސް ބުނާ އަދި ދީނުގައި ކަންކަން އޮންނަ އެންމެ ރަނގަޅު ގޮތް އަންގައި ދިނުމަށް އޮންނަ މަޖިލީހެކެވެ.

މިނިސްޓަރުގެ އެ ސިޓިފުޅަކީ މި މަހުގެ ފަސް ވަނަ ދުވަހު ފަތުވާ މަޖިލީހަށް ފޮނުވި ސިޓީއެވެ. ނަމަވެސް އަދި އެކަމާއި ގުޅިގެން ފަތުވާ މަޖިލީހުން އިސްލާމިކް މިނިސްޓްރީއަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް އެކަމާއި ގުޅިގެން ގިނަބަޔަކު ފާޑު ކިޔަމުން ދަނިކޮށް އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުން ހިތްވަރުދޭ ކަމަކަށް ނުވާތީ އެކަމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކުރަން ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އިއްޔެ ފޮނުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެހެންކަމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކޮށް އެކަން މިނިސްޓްރީ އަށް އެންގުމަށް މިނިސްޓަރު އަމީން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!