ރައޫފު ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވާފައިވާ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޒު އަބްދުއްރައޫފް އިބްރާހިމް އައްޔަންކުރުމާ ގުޅޭގޮތުން އެ
ކޮމިޝަނުގެ މަޝްވަރާއަށް ރައީސުލްޖުމްހޫހޫރިއްޔާ އެދިވަޑައިގެންފައިވަނިކޮށް މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ފަނޑިޔާރު ރައޫފުއާ ގުޅޭގޮތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ ޝަކުވާތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުއް ރައޫފް އިބްރާހީމާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެންނާއި އަދި އެ މައްސައާ ގުޅިގެން އެ ކޮމިޝަނުން ހޯދި މައުލޫމާތަށް ރިއާޔަތްކޮށް، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ރައޫފު އައްޔަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައޫފަކީ މީގެކުރިން ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރުގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ބޭފުޅާއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ގޮތުން އޭނާ ވަނީ އެ މަގާމުންވެސް އިސްތިއުފާ ދެއްވާފައެވެ. ރައޫފަކީ މިހާރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއް ސުއޫދުގެ ނަންފުޅާއި އެކުގައި ޖޭއެސްސީއަށް ރައީސް ފޮނުވި ނަންފުޅެކެވެ.
ރައޫފުގެ އިތުރުން ދާދިފަހުން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުވި އެކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުވެސް އެ ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމާފައެވެ.