ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދު ކުރެއްވިކަން ހާމަވެއްޖެ އެވެ.

Ads by MWSC

މިކަން ހާމަވީ އަމިއްލަ ފަރާތަކުން ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލް ހާމަ ކޮށްދިނުމަށް އެދި ރައީސް އޮފީހުގައި އެދުމުންވެސް އެ މައުލޫމާތު ހިއްސާ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އެންގުމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންގުމަށް އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެކު އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި އެވެ.

އެމެރިކާގައި ތިއްބެވުމާއި ފަރިއްކޮޅުގެ ޚަރަދަށް ދިޔައީ 1.8 މިލިއަން ރުފިޔާ އެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 141،000 އަށް ވުރެ ގިނަ ރުފިޔާ އާއި އިންސިޑެންޓަލް ޚަރަދަށް ވެސް 98،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ. ލަގެޖް ބަރުވެގެން އެއާލައިނަށް ވެސް 6،100 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނު ކަމަށް އެ ތަފްސީލު ތަކުގައިވެ އެވެ.

މީގެ އިތުރުން އެ ދަތުރުގައި ބައިވެރިވި ސްކޫލް ދަރިވަރަކަށް ވިސާ ހޯދުމަށް ސްރީ ލަންކާ އަށް ދަތުރުކުރަން 12،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް، ކުރެއްވި އެ ދަތުރުފުޅު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން ރައީސާއެކު ދަތުރުތަކުގައި އާއްމުކޮށް ވަޑައިގަންނަވާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހޫދުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި ސެކްރެޓަރީ އާމިނަތު ޝައުނާ ހިމެނިވަޑައިގެންނެވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!