ވޫހާންގައި ތިބި ދިވެހިން އެހެން ތަނަކަށް ބަދަލުކުރަން މަޝްވަރާކޮށްފި
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ރައްކާތެރި ތަނަކަށް ބަދަލުކުރަން ފޮރިން މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
ވައިރަސް ފެތުރޭ ސަރަހައްދުތައް ޗައިނާ އިން ވަނީ ކަރަންޓީނުކޮށްފަ އެވެ. އެހެންވެ އެ ތަންތަނުން ބޭރަށް ދިއުމާއި އެ ތަނަށް އެތެރެވުން ވަނީ މަނާވެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ، ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެ ސިޓީގައި ތިބި 7 ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ސިޓީން އެހެން ތަނަކަށް ބަދަލުކުރަން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަން އެވެ.
"އަދި ހަމަ މިކަމާ ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. ވޫހާން ސިޓީގައި ތިބި ބޭރު ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިން ވަނީ ދެއްވައިފަ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިންނާއި ޚާއްސަކޮށް ކިޔަވާކުދިންގެ މައުލޫމާތު ހޯދައި ހާލު ބެލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ ނަމްބަރު 7983400 އާ ހިއްސާކޮށްދޭން ބަޔާނުގައި އެދިފައިވެ އެވެ.
ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 800 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 25 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ތަނާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ވަނީ ކަރަންޓީނުކޮށްފަ އެވެ. ކަރަންޓީނު ކޮށްފައިވާ ސަރަހައްދުގެ އާބާދީ 18 މިލިއަނަށް އަރަ އެވެ.