ޚަބަރު

ރައީސް ޔާމީނާމެދު ޖަލުގައި ކަންތައް ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރިކޮށް: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މެދު ޖަލުގައި ކަންތައް ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ

Ads by Sosun Fihaara

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ފައްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް އެމަނިކުފާނު ޖަލުގައި ހުންނަވާތާ 57 ދުވަސް ވަނީ ވެފައެވެ.

އިދިކޮޅުން ހއ. ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ނުހައްގުން ރައީސް ޔާމީން ޖަލަށް ލައިގެން ހިނގަމުންމިދާ ދުވަސްތަކަކީ ހިތްދަތި ވަގުތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނާމެދު ޖަލުގައި ކަންތައް ކުރަމުން ގެންދަވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ޖަލުގައި އެކަނި ހޭދަކުރުމަކީ ވަރަށް ހިތްދަތިކަމެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ އަރިހަށް ދެ ފަހަރަކު ވަޑައިގަތުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށާއި ނަމަވެސް ގައުމަށް ވަމުންދާ ގޮތާއި ގައުމުގެ މިނިވަންކަން ގެއްލިދާނެތީ އާއި އެހެން ދީންތަކަށް ރާއްޖެއިން ފުރުސަތު ދީފާނެތީ ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އަދުރޭ ވަނީ އެމަނިކުފާނުގެ އަރިހަށް ކުރި ޒިޔާރަތުގައި ފެނުނު ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ތާޒާކޮށް ހުންނަވާ ވަކި ގޮތަކަށް ހެދުންކޮޅު ތުރުކުރައްވާ އަދި ވަކި ހަމަތަކަކާއި ދިރިއުޅުމުގައި ވަކި އުސޫލުތަކަށް ހިފަހައްޓަވާ ބޭފުޅެއް ނަމަވެސް ޖަލުގައި 40 އަށްވުރެ ގިނަ ދުވަހު ހޭދަކުރައްވަން ޖެހިވަޑައިގަތުމުން އެމަނިކުފާނު ސިފަކުރެވުނީ “ޖަލު މީހެއް”ގެ ގޮތުގައި ކަމަށެވެ.

"ވިދާޅުވި ފެންވެރުމުގެ ކަންތައް ވަރަށް އުދަނގުލޭ. ވަރަށް ދަތިގޮތަކަށޭ ހުރީ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހީގެ ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެންދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްދުގަ އަޑުގަދަކުރަނީއޭ. އެހާހިސާބަށް ދިޔައީމަ އަޅުގަނޑަކަށް އެވާހަކަ އަޑުއަހާކަށް ކެތެއް ނުވި." އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވި ކަމަށައި ނަމަވެސް އެބޭފުޅުން ތިއްބެވީ ވަރަށް އަރާމުގައި ވަރަށް އިއްޒަތުގައި ކަމަށެވެ. އެގޮތުން ތުނބުޅި ބާލުއްވަން އެބޭފުޅުންގެ އަނބިންނަށް ޖަލަށް ވަޑައިގަތުމުގެ ފުރުސަތާއި އެބޭފުޅުން ބޭނުން އެއްޗެއް ފަރިއްކުޅުވޭނެ އިންތިޒާމު ރައީސް ޔާމީން ހަމަޖައްސައިދިން ކަމަށް ވިދާޅުވިއެވެ.

"މޫނު މައްޗަށް ބަލާލީމާ މުޅި މޫނުމަތީގައި ހުރީ ބިހި ނަގާފައި. ކީއްވެގެންތޯ އޮޅުންފިލުވާލިއިރު ތުނބުޅި ބާލަންޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފަ އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެން ވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ވެގެން ބޭނުންކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓުކޮޅެއް ނުލިބޭ. މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަނީ. ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް އަނިޔާދެމުންދާ ދުވަހެއް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިހާރު މިއޮތް ސަރުކާރަކީ ނުލަފާ އަނިޔާވެރި ސަރުކާރެއް ކަމަށާއި މިއީ އެއްވެސް ގޮތެއް ފޮތެއް ނެތް، ހަމައެއް ލަމައެއް ނެތް ސަރުކާރެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!