ޚަބަރު

ޕީޕީއެމް އަދި ޕީއެންސީ ނޫން ބަޔަކަށް މި ގައުމު ހަމައަކަށް ނޭޅުވޭނެ: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ނުކުންނަނީ ދިވެހިރާއްޖޭގެ މިނިވަންކަން އަލުން އަނބުރައި ހޯދުމަށާއި، ދިވެހިރާއްޖެއަށް ޙައްޤުވާ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށާއި އެކަމަށް އެންމެ މޮޅުވާނީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް އިދިކޮޅުން ނުކުމެ އޮތީ މައިގަނޑު ދެކަމެއް ހާސިލުކުރުމަށް ކަމުގައެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމާއި، އެކަންކުރުމަށް ކުރާ ދަތުރުގައި މާލިމީއަކަށް ރައީސް ޔާމީން ގެނައުމަށް ކަމުގައެވެ.

"އަޅުގަނޑުމެން މި ގައުމަށް އަނބުރާ މިނިވަންކަން ހޯދައިދޭނަން. އެކަންކުރުމަށް ދަތުރުކުރާ އޮޑީގެ މާލިމީއަކަށް ހުންނަން އަޅުގަނޑުމެން އެންމެން ވެސް ބޭނުން ވަނީ ރައީސް ޔާމީން. ނަމަވެސް އެމަނިކުފާނު އެ އޮންނެވީ ޖަލުގައި. އެމަނިކުފާނު އެބަ ވިދާޅުވީ އަޅުގަނޑުމެން ކައިރީ ދަތުރުކުރާށޭ. މި ގައުމުގެ އަމާންކަމުގެ އައްސޭރި އަށް ގެންދިއުމަށް. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުވެ، އެމަނިކުފާނު މި ޕޯޑިއަމްތަކުން ފެންނާނެ. އެކަން ހާސިލްކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." ސައީދު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ތަނަވަސްކަމާއި ތަރައްގީ ހަގީގަތަކަށް ހެދުމަށް ވެސް ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަނަށް ވޯޓު ދެއްވަން ސައީދު އެދިވަޑައިގަތެވެ. ސައީދު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ އިގްތިސާދު މިނިވަންކޮށް، ދިވެހިރާއްޖެއަށް ހައްގުވާ ތަނަވަސްކަން ހޯދައިދިނުމަށް ޕީޕީއެމަށްވުރެ މޮޅު ޕާޓީއެއް ނެތް ކަމަށެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގައި ސިނާއަތްތަކުގެ އިންސާފު ގާއިމުކޮށް، ތިމާވެށި ރައްކާތެރިކޮށް، ބިރެއް ނެތި ތުއްތު ކުދިންނަށް އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ދިރިއުޅެވޭނެ މުޖުތަމަޢެއް ގާއިމުކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނަށް ވޯޓުދޭން ޖެހޭ ކަމަށެވެ.

ސަރުކާރު ކޯލިޝަނަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ ކޯލިޝަނުގެ ހަތަރު ޕާޓީއަކީ އެއް ބައެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގަން އޮތް ސަރުކާރުގެ ހަތަރު ތަނބަކީ މިހަތަރު ޕާޓީ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. އަދި މިޕާޓީތަކަށް ދޭންޖެހޭ ވޯޓެއް ނޯންނާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަން ފުނޑާލާ، ރާއްޖޭގެ މުސްތަޤުބަލު ހަލާކުކޮށްފި ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!