ބުއްދިވެރި ގޮތަކީ ސިޓީން ވަކިނުވެ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުން: ނަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައެއް ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކާއި ގުޅިގެން ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޓީން ވަކިނުވެ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ.
ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ބުނެފައި ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކަށް ވެސް ގާނޫނީ ގޮތުން ލިބިދޭ އެންމެހާ ބާރުތައް ލިބިދީފައިވާ ކައުންސިލަކަށް ހެދުމަކީ އެ ދެ ރަށުގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފޯސްޓާ އެކުލަވައިލަން މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއި ގުޅިގެން މީހުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޓީ ކައުންސިލްގައި ރަށްތައް އޮވެ، ރަށްރަށާއި އަވަށްތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޓީން ވަކިނުވި ކަމުގައިވީ ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ރަައްޔިތުންނާއި ގާތުން އެރަށެއްގެ މީހުންނަށް ހިދުމަތް ދެވޭނެ ނިޒާމުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ހަދާ ގާނޫނެއްގެ ދަށުން ސިޓީގެ ވަކިވަކި އަވަށުގައި އަވަށު ބޯޑު ގާއިމުކޮށް އޮފީސްތައް ބަހައްޓައިގެން ރައްޔިތުނާ ގާތުން ހިދުމަތް ދެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މި ރަށްރަަށް ވަކި ކުރުމުގެ ބަދަލުގައި، ސިޓީ ކައުންސިލްގައި އެ ސިޓީގެ ހުރިހާ ރަށެއް ހިމެނި، މުޅި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އުފެއްދުން މާ ބޮޑަށްވެސް ބުއްދިވެރިވާނެ ކަމަށެވެ.