ޚަބަރު

ލިބޭ އާމްދަނީ އައްޑޫ ތެރޭގައި ހިފެހެއްޓެން ޖެހޭ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ވައުދުވާން ޖެހެނީ އައްޑޫގެ ތަރައްގީ އަށް ކަމަށާއި އެންމެ މުހިއްމު ކަމަކީ ލިބޭ އަމްދަނީ ސިޓީ ތެރޭގައި ހިފަހައްޓަައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފޯސްޓާ އެކުލަވައިލަން މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީ ކައުންސިލަށް އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީއާ އެކުގައި މުޅި ބަޖެޓުގެ ޖުމްލަ މިންވަރު 80 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އެންމެ މުހިއްމު އަދި އެންމެ ބޮޑު ވައުދަކަށް ވާން ޖެހޭނީ އާމްދަނީ އިތުރުކުރެވި ވަޒީފާތައް އިތުރުކުރެވޭ ބާވަތްތަކުގެ މަސައްކަތްތައް އައްޑޫގައި ހިންގުން." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިއްމު ކަމަކަށް ރައްޔިތުން ބަލާނީ ރައްޔިތުންނަށް ކައުންސިލުން ކޮށްދެވޭނެ ކަންތައްތައް ކަމަށެވެ. އަދި އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ދޭނީ އެކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށްވެ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނީވެސް ރައްޔިތުން ގާތު ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!