ޚަބަރު

ވުހާންގައި ތިބި ދިވެހިންނަށް މާލީ އެހީ އިތުރު ކޮށްދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި ދިވެހި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށްޓަކައި ޗައިނާގެ ސަރުކާރާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގާފައިވާތީ އެކަން ކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އެދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ޝާހިދުގެ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީންނާއި ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަދި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި 7 ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްޞަކޮށް ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެމުންދާއިރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށްޓަކައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓަރީއަށް ނުވަތަ ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!