ޚަބަރު

ހައްދުންމަތި ވިޔަފާރީގެ ހަބަކަށް ހަދާނަން: ރައީސް

ލ. އަތޮޅަކީ ވަސީލަތްތައް ގިނަ ބޮޑު ސަރަހައްދެއް ކަމަށާއި އެ އަތޮޅު ވިޔަފާރީގެ މައި ހަބަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި އެމްޑީޕީގެ ފަރާތުން ކުރިއަަށް ގެންދިޔަ "އެޖެންޑާ 19 ހައްދުންނަތީ ކޮންފަރެންސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ހައްދުންމައްޗަކީ އެންމެ އަވަހަށް އެންމެ ބޮޑަށް ތަރައްގީ ކުރަން އޮތް ދާއިރާ ކަމަށެވެ.

އެގޮތުން އެއީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، ބޭނުންތެރި މަސައްކަތްތަކެއް ކުުރެވޭނެ ސަރަހައްދެއް ކަމަށާއި އެހެންވެ، ތަރައްގީ މަޝްރޫއުތައް ހިންގުމުގައި އެ އަތޮޅަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހައްދުންމަތީ ސަރަހައްދު ވިޔަފާރީގެ ހަބަކަށް ތަރައްގީކުރާއިރު އެއާޕޯޓުވެސް ތަރައްގީކުރާނެ ކަމަށެވެ. އެގޮތުން ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގަމު ހޮސްޕިޓަލް، ޓާޝަރީ ތަނަކަށް ހެދުމަށް ބޭނުންވާ ގިނަ ވަސީލަތްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ނިމުމާ އެކު، ހިދުމަތް ރަނގަޅު ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ހަދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ފަށާފައިވާ "އައްސޭރި ޓުއަރިޒަމް ޒޯން" އަލުން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ކުރަން ޖެހޭ ކަންތައް މިހާރު ނިންމާފައިވާ ކަމަށާއި މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!