ޚަބަރު

ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން އާދަމް ޝަރީފް ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ގޮވާލައިފިއެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަށް އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދާދިފަހުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

މިކަން މިގޮތަށް އޮތުމުން ސަރުކާރަށް މިވަގުތު ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ދައުރުގެ މެދުތެރެއިން އިންތިހާބަކަށް ވަޑައިގެންނެވުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަމިއްލަ ޕާޓީގައި، އަމިއްލަ ކޯލިޝަނުގައި ތިއްބެވި ބޭފުޅުން މި ސަރުކާރަކުން ރައްޔިތުން ބޭނުންވާ ހިދުމަތެއް ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވާ ކަމަށްވެއްޖެއްޔާ، ރައްޔިތުންނަށް ރަނގަޅު ގޮތެއް ވާން ބޭނުންވާ ކަމަށް ވެއްޖެއްޔާ، ހެޔޮގޮތެއް ވާން އެދޭ ކަމަށް ވެއްޖެއްޔާ، ދެން އެންމެ ރަނގަޅު ގޮތަކަށް ވާނީ ވީހާ އަވަހަކަށް މިޑްޓާމް އިލެކްޝަނަކަށް ގޮސް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުން." އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދައުރުގެ މެދުތެރެއިން އިންތިހާބަކަށް ވަޑައިގަންނަވަން ސަރުކާރަށް ނުކުރޭނެ ކަމަށާއި، މި ސަރުކާރު ވެރިކަމުގައި މިހާރުވެސް އޮތީ ކޯލިޝަނުގެ ސަބަބުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކޯލިޝަން ރޫޅާލާއިރަށް ސަރުކާރު ވެއްޓޭނެ ކަމަށާއި ކޯލިޝަން ރޫޅާލަން ނުކުރިގެން އުޅެނީ ވެސް އެ ސަބަބާ ހެދި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!