ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" ތާޝާ މިހާރު ޖީނާގެ ކޮޓަރީގަތަ އުޅެނީ؟" ޝާމިން އިތުރަށް އަހައިލިއެވެ. ޝާމިންއާ ވާހަކަ ނުދައްކަން ވެގެން ތާޝާ ކުރިއަށް ވުރެ ބާރަށް ހިނގައިގަތެވެ. އެހިނދު ޝާމިން ކޮށްލި ކަމަކުން ތާޝާގެ ގައިން ހީބިހި ނަގައިގަތެވެ. އައި ރުޅީގައި ޝާމިންއާ ދިމާލަށް ބަލައިލެވުނީ އަލިފާނުގެ ބެލުމަކުންނެވެ. ތާޝާގެ އަތުގައި ހިފައިފައިވާ ޝާމިންގެ އަތަށް އެއްފަހަރު ބަލައިލުމަށް ފަހު އަނެއްފަހަރު ޝާމިންގެ މޫނަށް ތާޝާ ބަލައިލީ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ.

Ads by STELCO

" އަތުން ދޫކޮށްލާ!!! އެހެންނޫނީ މާ ރަނގަޅެއް ނުވާނެ" ދަތްކުޑިވިކާލަމުން ތާޝާ ބުންޏެވެ. ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯ ތާޝާ ބެލީ ތިބެވުނީ ޝާނާގެ ކޮޓަރި ކައިރީގައި ކަމަށްވެފައި ޝާނާއަށް އަޑުއިވި ދާނެތީއެވެ. އެފަދަ މަންޒަރެއް ޝާނާއަށް ފެނިއްޖެ ނަމަ ދެރަވާނެކަން ޔަގީންވާތީއެވެ. ޝާމިން ތާޝާގެ އަތުން ދޫކޮށްލީ ކުއްލިއަކަށެވެ.

" އޯހް.. ސޯ ސޮރީ ތާޝާ... ތާޝާ މާނަ ތިނަގަނީ މުޅިން ގޯސްކޮށް... އަތުގައި ހިފުނީތީ ވަރަށް ބޮޑަށް ސޮރީ... " މޫނުމަތިން މައުސޫމުކަން ދައްކަން މަސައްކަތް ކުރަމުން ޝާމިން ބުންޏެވެ.

" އަސްލު އަހަރެން ދިޔައީ ޖީނާ ހޯދަންވެގެން... ޝާނާގެ އުފަންދުވަސް އަންނާތީވެ ސަޕްރައިޒް ޕާޓީއެއް ބާއްވަން ޕްލޭން ކުރަންވެގެން..." ތާޝާއަށް އޭނާގެ މަޤްސަދު އެނގިއްޖެކަން ޔަގީންވުމުން ޝާމިން ދޮގެއް ހަދައިލިއެވެ. ހަޤީގަތަކީ އޭނާ އެކޮޓަރިއަށް ދިޔައީ ތާޝާ ހޯދުމަށެވެ. އުޅެއުޅެ ވެސް އޭނާއަށް ތާޝާއާ މެދު ވިސްނުން ހުއްޓައެއް ނުލެވުނެވެ. އޭނާ ބޭނުން ވަނީ އެންމެ ފަހަރަކު ނަމަވެސް ތާޝާގެ ފަރާތުން ހިތްއުފާކޮށްލުމަށެވެ. ތާޝާގެ އެމައުސޫމުކަމާއި ރީތިކަން އޭނާ މުޅިން މޮޔަކޮށްލައިފިއެވެ. އެ ޗާލު ހިނިތުންވުން އޭނާ ރޭގަނޑުގެ ނިދިން މަހުރޫމްކޮށްފިއެވެ. ރެއާއި ދުވާލު އޭނާއަށް ތާޝާއާ މެދުގައި ވިސްނެނީއެވެ.

ޝާމިނަށް އައި ކުއްލި ބަދަލުން ތާޝާ ހައިރާންވިއެވެ. ޝާމިން އެ ހަދަނީ ތެދަކަށް ވާނަމަ އޭނާއަށް ޝާމީނާ މެދުގައި އެ ހީކުރެވުނީ މުޅިން ގޯސްކޮށެވެ. ޝާމިން އެބުނެލި ވާހަކައިން އެނގެނީ އޭނާ ޝާނާއާ މެދު ވިސްނާ ފިކުރު ކުރާ ވަރެވެ. ގޯސް މީހެއް ނަމަ ޖީނާ ވެސް އަމިއްލަ ދައްތަ ގޯސްކޮށް މާދުރު މީހެއް ރަނގަޅުކޮށްފައި ވާހަކަ ނުދެއްކީސްކަން ކަށަވަރެވެ.

" އޯހް.. ސޮރީ... އަހަރެން ހީކުރީ... " ތާޝާ ބުނަން އުޅުނެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ޝާމިން ވާހަކަ ދައްކަންފެށުމުން ހުއްޓުނެވެ.

" އިޓްސް އޯކޭ... އެހެންވެދާނެ.. އަހަރެންނަށް ވެސް ކުރެވުނީ ކުށެއް.. ހުއްދަ ނެތި އެއްވެސް މީހެއް ގަޔަށް އަތްލައިގެން ނުވާނެ.. އަސްލު ތާޝާ ތިކަންތައް ކުރީ ރަނގަޅަށް... އެއްވެސް މީހަކަށް ތިމާގެ ނުރުހުމުގަ ގަޔަށް އަތްލިޔަދީގެން ނުވާނެ.. އަދި އެފަދަ މީހުންނާ ދެކޮޅަށް އަޑު އުފުލަން ވެސް ޖެހޭނެ... ތާޝާގެ ހިތްވަރަށް އަހަރެން ސާބަސް ދެން... " ޝާމިން ބޭނުންވީ ކޮންމެވެސް ވާހަކައެއް ދައްކައިގެން ނަމަވެސް ތާޝާގެ ގާތްކަން ހޯދުމަށެވެ. ތާޝާ ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް އަދިވެސް އެހިތުގައި ނުތަނަވަސްކަން ވިއެވެ. އަދިވެސް ޝާމިންގެ ވާހަކަތައް ޤަބޫލުކުރަން އުނދަގޫ ވަނީ ކީއްވެކަމެއް ނޭނގުނެވެ.

" ތެންކްސް.. ޖީން އައިމަ އަހަރެން ބުނާނަން ޝާމިންބެ ހޯދި ވާހަކަ... " އެނބުރި ހިނގައިގަތުމުގެ ކުރިން ތާޝާ ބުންޏެވެ. ޝާމިންއާ ވާހަކަ ދައްކަން ތާޝާއަށް އުނދަގުލެވެ. އެހެންކަމުން އޭނާ ބެލީ ވީހާވެސް އަވަހަކަށް ޝާމިންއާ ދުރަށް ދެވޭތޯއެވެ.

ތާޝާ ދިއުމާ އެކު ޝާމިންގެ ތުންފަތްމަތީގައިވި މައުސޫމު ހިނިތުންވުން ވިހަ ހިނިތުންވުމަކަށް ބަދަލުވިއެވެ. ތާޝާ ސިޑިން ފައިބައިގެން ދިޔަތަން ބަލަން ހުރެވުނީ ދަހިވެތި ނަޒަރަކުންނެވެ. އެ ރީތި ސޫރަ ލޯ މައްޗަށް ގެއްލުމާ އެކު ޝާމިން ބޮލުގައި އަތްފުނާ އަޅައިލިއެވެ. މިވީގޮތުން ހިތާ ދެކޮޅަށް ނަމަވެސް ޝާނާއަށް އުފަންދުވަހުގެ ޕާޓީއެއް ހަމަޖައްސަން ޖެހުނީއެވެ. އެކަމުން ވެސް ތާޝާއާ ގާތްގުޅުމެއް އުފެދެންޏާ އެކަން ވެސް ކުރަން ޝާމިން ތައްޔާރެވެ.

*****

ކްލާހަކަށް ކިޔަވައިދީ ނިންމައިލުމަށް ފަހު ސްޓާފް ރޫމަށް ވަންނަން ދަނިކޮށް ސުކޫލުގެ މަސައްކަތު މީހަކު އައިސް ކޮންމެވެސް މީހަކު ޖީނާ ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. ޖީނާގެ ނިތަށް ރޫ ގިނަވެގެން ދިޔައީ އެއީ ކާކު ކަމާ މެދު ހިތުގައި ސުވާލު އުފެދުމުންނެވެ. އެވަގުތުވީ އެކުގައި މަސައްކަތް ކުރާ ފިޒާ ވެސް އައިސް ޖީނާއާ ހަމަ ކުރި ވަގުތަށެވެ. ފިޒާއަކީ ޖީނާގެ ގާތް އެކުވެރިއެއް ވެސް މެއެވެ.

" ޖީން އަހަރުމެން ގާތުގައި ވެސް ބުނެލައިގެން އުޅެއްޗެ... " ފިޒާ ދެއްކި ވާހަކައިން ޖީނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

" ފިޒާ ތި ދައްކަނީ ކޮންވާހަކައެއް ކަމެއް ނޭނގުނު.." ޖީނާ ބުންޏެވެ.

" މިދައްކަނީ އެހެރަ ސޮރުގެ ވާހަކަ... މިތަނަށް ޖީނާ ހޯދަން އަންނާނީ ހާދަ ވަރަކަށް ހަނދާން ވާތީއޭ ދޯ... " ސްކޫލުން ބޭރަށް ކަޅިއެއް އެއްލަމުން ފިޒާ ބުންޏެވެ. ފިޒާ ދެއްކި ދިމާލަށް ޖީނާ ބަލައިލިއެވެ. ސްކޫލުން ބޭރު، ގޭޓު ކުރިމަތީގައި އެހުރީ އަނީކް ނޫން ދެވަނަ މީހެއް ނޫނެވެ. އެ ފަދަ ވަގުތެއްގައި އަނީކް ސުކޫލް ކައިރިއަށް އައުމުން ޖީނާއަށް ލިބުނީ ހާސްކަމެކެވެ.

" ސާބަސް ފިޒާ.. އެއީ އަހަރެންނާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން... މިފޮތްތައް ގެންގޮސް އަހަރެންގެ މޭޒުމަތީގައި ބަހައްޓައި ދީބަލަ...އަހަރެން އެބަ އަންނަން" އޭނާގެ އަތުގައިވާ ފޮތްތައް ފިޒާގެ އަތަށް ލައިދެމުން ޖީނާ ބުންޏެވެ. އެއަށް ފަހު އަނީކް ކައިރިއަށް ދާން އަވަސްވެގަތެވެ.

" އައިސް ކިޔައިދޭން ވާނެ.." ޖީނާއަށް އިވޭ ވަރަށް ތަންކޮޅެއް ބާރަށް ފިޒާ ގޮވައިލިއެވެ. އެވަގުތު ފަހަތް ބަލައިލަމުން ޖީނާ ފިޒާއާ ދިމާލަށް ލޯ ހަނިކޮށްލިއެވެ. ފިޒާ ހެމުންހެމުން ގޮސް ވަނީ ސްޓާފް ރޫމަށެވެ.

" ކީއްކުރަން މިތަނަށް ތި އައީ؟ ކަމެއް ގޯސްވީތަ؟ ތާޝާ ރަނގަޅުތަ؟" ގޭޓުން ބޭރަށް ނިކުންނަމުން އެއްފަހަރާ އެތައް ސުވާލެއް ޖީނާއަށް ކޮށްލެވުނީ ލިބިފައިވާ ހާސްކަމެއްގެ ސަބަބުންނެވެ.

" ރިލޭކްސް ޖީނާ.. ހުރިހާ ކަމެއް ރަނގަޅު.. އަހަރެން މިތަނަށް މި އައީ ޖީނާއާ ބައްދަލުކޮށްލަން ވެގެން..." އަނީކް ބުންޏެވެ.

" ސީރިއަސްލީ އަނީކް... މީ އަހަރެން މަސައްކަތް ކުރާ ތަން.. މި ތަނަށް ތި ގޮތަށް އައިމަ މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނޭނގޭތަ؟ އެރޭ ޕާޓީ ތެރޭގައި އަނީކް އަމަލުކުރި ގޮތުން ވެސް އަހަރެންނާ ހާދަ ދިމާކުރިއޭ މީހުން... އެހެން ނޫނަސް އަހަރެން ގެއަށް ދަންދެން އިންތިޒާރު ނުކުރެވިގެން މިތަނަށް ތިއައީ ކޮން މުހިންމު ވާހަކައެއް ދައްކަންވެގެންތަ؟ " ޖީނާ ބުންޏެވެ. އެއަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.

" ކާކު ކީކޭ ކިޔާފަ ދިމާކުރީ؟" އަނީކް ކޮށްލި ސުވާލަށް ޖަވާބު ދޭން ޖީނާއަށް އުނދަގޫވިއެވެ. އެފަދަ ވާހަކައެއް އަނީކް ގާތުގައި އޭނާއަށް ބުނެވުނުކަންވެސް ރޭކާލީ ދެނެވެ. އެ މޫނަށް ލަދުވެތިކަން ވެރިވެ މޫނު ރަތްވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހުރިހާ ވާހަކައެއްގެ ތެރެއިން ވެސް އަނީކް ސުވާލު ކުރާނީ އެކަމާ ބެހޭގޮތުން ހެއްޔޭ ޖީނާގެ ހިތަށް އެރިއެވެ.

ޖީނާގެ މޫނު މައްޗަށް އަރާ ފޭބި ކުލަތައް ވަރަށް ރަނގަޅަށް އަނީކަށް ފެނުނެވެ. އޭނާ އެހެން އަހައިލީ ފަހަރެއްގައި ވެސް ޖީނާ ލަދުގަންނަވައިލުމުގެ މަޤްސަދުގައެއް ނޫނެވެ. އެފަދަ ސުވާލެއް ކުރެވުނީތީ ހުދު އޭނާ ވެސް ލަދުގަނެއްޖެއެވެ. އޭނާ އާއި ޖީނާއާ ގުޅުވައިގެން މީހުން އެފަދަ ވާހަކަތަކެއް ދައްކައިފާނެ ކަމަކަށް އޭނާ ވެސް ހިއެއް ނުކުރެއެވެ.

" ކިހިނެއްވީތަ މިތަނަށް ތި އައީ.. އަހަރެންނަށް ވަރަށް ލަސްވޭ... ޖެހިގެން އޮތް ގަޑިއަށް ދިއުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތެއް ވެސް އެބައޮތް.." ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމުގެ ގޮތުން ޖީނާ ބުންޏެވެ.

" ޖީނާގެ ތި އަގުހުރި ވަގުތު ތަކުން އަހަރެން ބޭނުން ވަނީ އެންމެ ދިހަވަރަކަށް މިނެޓް.. ތެދެއް ތިބުނީ އަހަރެން މި ތަނަށް މި އައީ ޖީނާ އަންނަންދެން އިންތިޒާރުގައި ނުހުރެވިގެން... އެއީ އެވަގުތުކޮޅުގައި ވެސް އަހަރެންގެ ހިޔާލު ބަދަލުވެދާނެތީ.." އަނީކް ބުންޏެވެ. އެއަޑުގައި ވަނީ މަޑުމައިތިރިކަމެވެ. މޫނުމަތިން މޮޅިވެރިކަމެއް ފެނުނަސް އެކަން ނުދައްކައިވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

" ކޮންވާހަކައެއް.. އަވަހަށް ކިޔާބަލަ" ފޯނުން ގަޑި ބަލައިލުމަށް ފަހު ޖީނާ ބުންޏެވެ.

" ލުކް ޖީނާ.... ރޭގަ ޖީނާ ދެއްކި ވާހަކަތަކާ މެދު އަހަރެން ވަރަށް ވިސްނިން... އަހަރެން މީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއްކަން އަހަރެންނަށް އިހުސާސް ވެއްޖެ.. ލޯތްބަކީ ގަދަ ކަމުން ހޯދޭނެ އެއްޗެއް ނޫންކަން ވެސް އެނގިއްޖެ... ޖީނާ ބުނިހެން ތާޝާގެ ލޯބި ހާސިލްކުރަން އުޅެގެން އަހަރެންނަށް ލިބުނީ އިތުރު ހިތްދަތިކަމެއް... ބުނީމެއްނު ޤުރުބާނީއަށް ވެސް ލޯތްބޭ ކިޔައޭ... އަހަރެން ބޭނުން ވަނީ މި ފަހަރު އޭގެ އަޖުމަ ބަލައިލާން.. ހާސިލް ކުރަން އުޅެގެން ނުލިބުނު އުފާ ޤުރުބާންވެގެން ލިބޭތޯ ބަލަން..  " އަނީކް ދެއްކި ވާހަކައިން ޖީނާ ހައިރާންވިއެވެ. އޭނާ ދެއްކި ވާހަކައާ މެދު އަނީކް އެވަރަށް ވިސްނީތީ އުފާ ވެސް ވިއެވެ.

" ތާޝާއަށް އޭނާގެ ލޯބި ހޯދައިދޭން ޖީނާއަށް އެހީތެރިވާން އަހަރެން ބޭނުން... އަހަރެންނަށް ކޮށްދެވޭނެ ކަމެއް އޮތިއްޔާ ބުނާތި.. އަހަރެން ހެޔޮހިތުން ކޮށްދޭން ތައްޔާރު.. ހަމައެކަނި ތާޝާއަށް ޓަކައި... އަދި އޭނާގެ އުފަލަށް ޓަކައި... " އަނީކް ބުންޏެވެ. ޖީނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. އެފަދަ ނިންމުމެއް އަނީކް ނިންމި ކަމަށް ޓަކައި އޭނާގެ ހިތްވަރަށް ހިތާހިތުން ޖީނާއަށް ސާބަސް ދެވުނެވެ.

" އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވަންޏާ ފަސްނުޖެހި ބުނާތި.. އަހަރެން އައީ މި ވާހަކަ ޖީނާ ގާތުގައި ބުނެލަންވެގެން.. ދެން ދަނީ..." ހިނިތުންވާން މަސައްކަތް ކުރަމުން އަނީކް ބުންޏެވެ. އެއަށް ފަހު ފަހަތަށް އެނބުރި ޕާކުކޮށްފައި އޮތް އޭނާގެ ކާރާ ދިމާލަށް ހިނގައިގަތެވެ.

އަނީކް ކާރަށް އަރައިގެން ދިޔައިރު ވެސް ޖީނާއަށް ހުރެވުނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ ހީކުރި ގޮތާ ހިލާފަށް އަނީކަކީ އެހާ ގޯސް މީހެއް ނޫންކަން މިއަދު އެނގިއްޖެއެވެ. މި ވީހާ ދުވަހު އަނީކާ މެދު ކަންތައް ކުރެވުނު ގޮތުން ދެރަ ވެސް ވެއްޖެއެވެ. އިރުކޮޅަކު ވިސްނައިލާން ހުރުމަށް ފަހު ޖީނާ އެތެރެއަށް ވަދެގެން ދިޔައެވެ. މިހާރުއްސުރެން ގެއަށް ދެވޭނެ އިރަކަށް އިންތިޒާރު ކުރެވެން ފަށިއިފިއެވެ. ތާޝާއަށް އެ ޚަބަރު ދޭން ޖީނާ ވަނީ ކެތްމަދުވެފައެވެ.

*****

އެނދުމަތީގައި އޮތް ޝާނާގެ ނަޒަރު ކުރިމަތިން ފެންނަމުން ދިޔަ ޓީވީއަށް ހުއްޓިފައިވީ ނަމަވެސް އޭނާގެ ހިޔާލުތަކާ ގުޅިފައި ވަނީ ރާއިފެވެ. އެއީ ކިހާ މާތް އިންސާނެއްކަން ޝާނާއަށް އިހުސާސް ކުރެވިއްޖެއެވެ. އެއްކޮޅުން ޝާނާ އެންމެ ލޯބިވާ އިންސާނާ އޭނާ މަރުވިޔަސް ހެޔޮކަމަށް ބުނެ ހޮސްޕިޓަލުގެ ތެރެއަށް އޭނާ ދޫކޮށްލައިފައި ދިޔައީއެވެ. އަނެއްކޮޅުން އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ސަބަބުން ހިތްހަލާކުވެފައިވާ އިންސާނާއެވެ. ރާއިފްގެ އެއަމަލުގެ ސަބަބުން ފުރަތަމަ ފަހަރަށް ކުރެވުނު ކަންތަކާ މެދު ޝާނާ ލަދުވެތިވެއްޖެއެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް ރާއިފްގެ ކިބައިން މާފަށް އެދެން ޝާނާ ބޭނުންވިއެވެ. އަދިވެސް އޭނާއާ މެދުގައި ރާއިފްގެ ހިތުގައި އޮތީ ލޯބިކަން ވަރަށް ރަނގަޅަށް ޝާނާއަށް އެނގިގެން ގޮސްފިއެވެ. އެހެންނޫން ނަމަ ރާއިފް އޭނާއަށް އެހީ ނުވީސްކަން ކަށަވަރެވެ. އިރުއިރުކޮޅާ ޝާނާއަށް އޭނާގެ ފޯނު ބަލައިލެވެނީ ރާއިފްގެ ކޯލެއް ނޫނީ މެސެޖަކަށް ނަމަވެސް އެދެވޭތީއެވެ. ހޮސްޕިޓަލުން ގެއަށް އައިއްސުރެ ފެށިގެން ވެސް އޭނާގެ ހިތްގޮވަމުން ދިޔައީ ރާއިފްއާ ބައްދަލުކުރުމަށެވެ. އޭނާގެ ކިބައިން މައާފަށް އެދުމަށެވެ.

*****

އުޅެއުޅެ ވެސް ރާއިފަށް ޝާނާގެ ހަނދާންތަކާ ދުރެއް ނުވެވުނެވެ. ބޭނުން ނުވި ނަމަވެސް އެ ހިތް އެދެމުން ދިޔައީ ޝާނާއާ ބައްދަލުކުރުމަށެވެ. އޭނާގެ ފޯނުން ޝާނާގެ ނަމްބަރު ފޮހެލެވިފައިވީ ނަމަވެސް އޭނާގެ ސިކުނޑިން އެ ނަމްބަރު ފޮހެއެއް ނުލެވުނެވެ. ޝާނާއަށް ގުޅަން ކިތަންމެ ފަހަރަކު ފޯނުގައި އެނަމްބަރު ޖެހިއްޖެއެވެ. އެހެން ނަމަވެސް ގުޅާ ފިތަށް ފިތާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ޝާނާއާ ބައްދަލުވީ ފަހުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އޭނާގެ ކުރިމަތީގައި ޒިދާން ހީފައި އުޅޭ ތަން ފެނުމުން ރާއިފަށް ރުޅި އާދެވެއެވެ. އޭނާގެ ހިތުގެ ހަމަޖެހުން ނަގައިލައިފައި އުފާކުރުމުގެ ހައްޤު ޒިދާނަށް އޮވެގެން ނުވާނެއޭ އޭނާގެ ހިތްބުނެއެވެ. ޒިދާނާ ދިމާލަށް ފަތިވަރު ގޮވައިލާން ބޭނުންވާ ކިތަންމެ ފަހަރެއް އާދެއެވެ. އެހެން ނަމަވެސް އޭނާ ކެތްތެރިވަނީއެވެ. ޒައިނާއަށް ޓަކައެވެ. އަދި އެކަމުން ވަކި އޭނާއަށް ލިބޭނޭ ފައިދާއެއް ނެތްކަން ވެސް އެނގޭތީއެވެ.

*****

އެނދުމަތީގައި އޮށޯވެލައިގެން އޮތް ތާޝާއަށް އިރުއިރުކޮޅާ ގަޑި ބަލައިލެވެއެވެ. ޖީނާ އަންނާނެ އިރަކަށް އިންތިޒާރުކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އަންނަނީ ކޮންއިރަކުންތޯ ބަލަން ޖީނާއަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. އޭނާގެ މި ކެތްތެރިކަން ކުޑަކަމާ ގުޅިފައިވާ އިންސާނަކީ ޒިދާނެވެ. ޒިދާންގެ ހަބަރެއް ލިބެން އޮތީ ޖީނާ އައިސްގެންނެވެ. ތާޝާގެ އިންތިޒާރުގެ ވަގުތުތައް ނިމުނީ ދޮރުން ވަދެގެން އައި ޖީނާ ފެނުމުންނެވެ. ތާޝާއަށް އޮތްތަނުން ފުންމައިގެން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. މި މަންޒަރު ފެނި ޖީނާއަށް ލިބުނީ ސިހުމެކެވެ.

" ކިހިނެއްވީ އަނެއްކާ؟" ތާޝާގެ ހަރަކާތްތައް ހުރިގޮތުން ޖީނާ އަހައިލިއެވެ.

" ޖީން އަންނާނެ އިރަކަށް ހާދަ އިންތިޒާރެއް ކުރެވިއްޖޭ... " އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިށިންނަމުން ތާޝާ ބުންޏެވެ.

" އެހެންތަ.. އެކީއްކުރަން އެހާ އިންތިޒާރު ކުރީ؟" މޭޒުމަތީގައި ދަބަސް ބަހައްޓަމުން ޖީނާ އަހައިލިއެވެ.

" މިއަދު ދާނެތަ އެއްވެސް ތަނަކަށް؟" ތާޝާ ސުވާލުކޮށްލީ ދުރުދުރުންނެވެ. ތާޝާގެ ސުވާލު ގުޅިފައި ވަނީ ކޮންކަމާ ކަން އެނގުނު ހިނދު ޖީނާއަށް ހެވުނެވެ.

" ޒިދާން ބުނީ ތާޝާއާ ބައްދަލު ކުރާކަށް ބޭނުމެއް ނޫނޯ" ތާޝާއަށް ވާގޮތެއް ބަލައިލުމަށް ޖީނާ ބުންޏެވެ. އެހިނދު ތާޝާގެ މޫނުމަތި ބަނަވިއެވެ.

" އެއީ ކީއްވެގެން؟" ދެރަވެފައި ތާޝާ އެހެން އަހައިލިގޮތުން ޖީނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހެމުންހެމުން އައިސް ތާޝާ ކުރިމަތީގައި ޖީނާ އިށީނެވެ. އެހިނދު ޖީނާ ސަމާސާ ކުރީކަން ތާޝާއަށް އެނގި ޖީނާއާ ދިމާލަށް ދެ ލޯ ހަނިކޮށްލެވުނެވެ.

" ދެން ޖީން މަޖަލެއް ނޫނޭ... ބުނެބަލަ... ދެން ކޮންއިރަކުތަ ޒިދާނާ ބައްދަލުކުރަން ދާނީ" ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތަކަށް ތާޝާ އަހައިލިއެވެ.

" ސާބަސް ކެތްތެރިވެބަލަ.. ޒިދާން ވެސް އަހަރެންގެ ފޯނަށް ގުޅާވަރުން ހީވަނީ އެހެން ފަދަ ކަމެއްހެން... ތާޝާއާ ބައްދަލު ނުކުރެވިގެން ޒިދާން ވެސް މޮޔަވެގެން އުޅޭހެން ހީވަނީ... ތިހެން މާ ކެތްތެރިކަން ކުޑަވެގެން އުޅެންޏާ ބައްދަލު ނުކުރެވޭ ގޮތް ހަދާނީ" ޖީނާ ބުންޏެވެ. ތާޝާ ފަދައިން ޒިދާން ވެސް އޭނާއާ ބައްދަލުކުރަން ބޭނުންވެގެން އުޅޭކަން އެނގުމުން ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެހެން ނަމަވެސް ޖީނާ ފަހުން ބުނެލި ޖުމްލައިން އޭނާގެ ހިތްނުތަނަވަސް ވެއްޖެއެވެ.

" ނޫން ޕްލީޒް ޖީން އެހެން ނުހަދައްޗޭ.." ތާޝާ އަވަސްއަވަހަށް ބުންޏެވެ. ތާޝާއަށް ވީގޮތުން މި ފަހަރު ވެސް ޖީނާއަށް ހެވުނީއެވެ.

" ކެތްތެރިވެބަލަ ވަރަށް އަވަހަށް ބައްދަލުވާނެ އިރާދަކުރެއްވިއްޔާ... ތާޝާއަށް އެނގޭތަ. މިއަދު އަނީކް ސްކޫލް ކައިރިއަށް އައި" ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން ޖީނާ ބުންޏެވެ. ތާޝާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައީ ހައިރާންވީ ވަރުންނެވެ.

" ކީއްކުރަން ނިކް ތިތަނަށް ދިޔައީ...އަހަރެން ކައިރީގައި ނުވެސް ބުނޭ ތިކަހަލަ ވާހަކައެއް" ތާޝާ ބުންޏެވެ.

" އެހެންތަ.. ތާޝާ ހަނދާންކޮށްލަބަލަ އެންމެ ފަހުން އަނީކާ ވާހަކަދެއްކި ދުވަހެއް... " ތާޝާއަށް އެއްޗެއް ވިސްނައިދިނުމުގެ ގޮތުން ޖީނާ ބުންޏެވެ. ތާޝާއަށް ވިސްނައިލެވުނީ ދެނެވެ. އޭނާއަށް އަނީކާ ރަނގަޅަށް ވާހަކަ ދައްކައިނުލެވޭތާ ދުވަސްކޮޅެއް ވެދާނެއެވެ. އެހިނދު އަނީކާ ވަރަށް ބޮޑަށް ދުރުވެވިއްޖެކަން ތާޝާއަށް އިހުސާސްކުރެވުނެވެ.

" އަސްލު އަނީކް އެއީ މިގެއަށް އައިސް ހުރި ބީރައްޓެއްސެކޭ ބުންޏަސް ދޮގަކަށް ނުވާނެ.. އަނީކް އޭނާ ނުވެސް ދަންނަ ބައެއް ގާތަށް އައިސް އެއުޅެނީ ހަމަ ތާޝާއަށް ޓަކައި... ތާޝާ ނޫނީ އޭނާ ދަންނަ މީހަކު ދެން މިތާ އުޅޭ ހެނެއް ހިޔެއް ނުވޭ... " ޖީނާ ބުންޏެވެ.

" ކީއްވެ ޖީން ކުއްލިއަކަށް ތިވާހަކަ ތިދައްކަނީ؟ ނިކް އެއްޗެކޭ ބުނީތަ.." ތާޝާ އަހައިލިއެވެ. ޖީނާ، އޭނާ އާއި އަނީކާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ތާޝާއަށް ކިޔައިދިނެވެ. ރޭގައި އަނީކް ރުއި ހިސާބުން ފެށިގެން މިއަދު ޖީނާއާ  ބައްދަލުކުރަން ސްކޫލްކައިރިއަށް ދިޔަ ހިސާބަށެވެ. އަނީކާ މެދު ކަންތައް ކުރެވުނުގޮތް އިހުސާސްވެ ތާޝާ ދެރަވިއެވެ. އޭނާ އަނީކް ދުރުކޮށްލީ ގަސްދުގައެއް ނޫނެވެ. އެހެން ނަމަވެސް އޭނައަށް އަނީކް ވަރަށް ބޮޑަށް ހިތުގައި ޖެއްސިއްޖެއެވެ. އަނީކް ޖީނާގެ ގާތުގައި އޭނާއާއި ޒިދާނާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް ފަހު އެހިތް އަނީކަށް ޓަކައި ޝުކުރުން ފުރުނެވެ. ބޭނުންވީ ވީހާ ވެސް އަވަހަކަށް އަނީކާ ބައްދަލު ކުރުމަށް ފަހު މައާފަށް އެދުމަށެވެ. ތާޝާ އިން ތަނުން ތެދުވެގެން ދާން އުޅުމުން ކޮންތާކަށް ދަނީތޯ ޖީނާ ސުވާލުކޮށްލިއެވެ.

" ނިކް ކައިރިއަށް.. އަހަރެން ވަރަށް ދެރަވެއްޖެ... ނިކް ކައިރިން މައާފަށް އެދެން ބޭނުން..." ދޮރާ ދިމާލަށް ދަމުން ތާޝާ ބުންޏެވެ. ޖީނާ ބަހެއް ބުނަން އުޅުނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން ތާޝާ ކޮޓަރިން ނިކުމެގެން ގޮސްފިއެވެ.

*****

ހަވީރަށް ސައިބޯނެ އެއްޗެއް ތައްޔާރު ކުރުމުގައި އަވަދި ނެތި ޒައިނާ އުޅުނެވެ. ޒިދާންވީ މާޒް ގޮވައިގެން އޭނާގެ ކޮޓަރީގައެވެ. ރާއިފް ކޮންމެވެސް ތަނަކަށް ދަނީ ކަމަށް ބުނެ ނިކުތީ ކުޑައިރުކޮޅެއް ކުރިންނެވެ. ކެއްކުމުގައި އަވަދިނެތި އުޅުނު ޒައިނާއަށް ގޭގެ ދޮރު ހުޅުވުނުއިރު ވެސް ރޭކާނުލިއެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ ކޮންމެވެސް މީހަކު ޒައިނާގެ ދެލޮލުގައި އަތްއެޅުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!