ޚަބަރު

އިޒުރޭލު މީހުންނާ "ރާއްޖެތެރޭ" މީހުން އެއްހަމަ ކުރީތީ ލަދުވެތިވަން: ޔައުގޫބު

ދެން އެމްވީ ، ދެން އޮންލައިން

އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމަޔަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުންނާ" މިނެކިރީތީވެ އެކަމާ ލަދުވެތިވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔައުގޫބް މިހެން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެެއިން ޝަހީމް (އަނދުން ހުސެއިން) މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ އެތައް އަހަރެއް ވެފައިވާއިރު އެރައްޔިތުން އެޅެމުން އަންނަނީ ފަލަސްޠީނު ރައްޔިތުން އުޅެމުންދާ ގޮތަށްކަމަށް ސިފަ ކުރައްވައި ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވަމުންނެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިންކޮޅެއްވެސް ފްލެޓެއް ވެސް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު، މާލެ ރައްްޔިތުން ތިބީ ކެތްތެރިކަމާއި އެކު އެކަން ބަލަން ކަމަށެވެ.

"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި" ހުސެއިން ވިދާޅުވިއެވެ.

މި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމަޔަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުންނާ" މިނެކިރީތީވެ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ ދެރަވޭ. އަޅުގަނޑު ވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭކަން، އެކަމަކު ތަފާތު ކުރުން ނައްތާލަން ޖެހޭ." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބްގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ އަނދުން ހުސައިންގެ މި ވާހަކަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަށް ހިޖުރަކުރަން މަޖުބޫރުވި ރައްޔިތުންނަކީ އިޒްރޭލްގެ މީހުންކަމުގައި ސިފަވާގޮތަށް ވާހަކަފުޅުދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!