ގާސިމް މަރާލި މައްސަލާގައި އަދުހަމް އަށް ދައުވާކޮށް ކޯޓަށް ފޮނުވައިފި
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ވަނީ ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ހަމަލާ ދެވުނު ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.
ގާސިމަށް ހަމަލާދިން ވަޅި އާއި ހަމަލާ ދިންއިރު އަދުހަމް ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ކުރިން ހޯދައިފަ އެވެ.
މަގުމަތީގައި ތަޅު ދަނޑި ޖަހާފައި ހުރި ޕީސީއެކްސް ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ވެރިފަރާތައް ނޭނގި ހުޅުމާލެއަށް ގެންދިޔަ މައްސަލައެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވެ އޭނާއަށް ވަނީ އެއް އަހަރާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.