ކޮރޯނާ ވައިރަހާއެކު ނަސްލީ ތަފާތުކުރުންތައް ވެސް އިންތިހާއަށް
ޗައިނާއިން އުފަންވި ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރެން ފެށުމާއިއެކު ނަސްލީ ތަފާތުކުރުން ތަކާއި ވަތަނީ ދެކޮޅުވެރިކަމުގެ މައްސަލަތައް ފެށި ، އެމައްސަލަތައް އިތުރުވާން ފަށައިފިއެވެ.
ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު މި ވައިރަހާއި ގުޅޭ ގޮތުން ދޮގު އެތައް ޚަބަރުތަކެއް ވެސް ދަނީ ފެތުރެމުންނެވެ. އެގޮތުން މި ބައްޔަކީ ޗައިނާ މީހުންގެ ފަރާތުން ފެތުރޭ ބައްޔެއްގެ ގޮތުން މީހުންގެ ތެރޭގައި ސިފަކުރެވި ނަސްލީ ތަފާތުކުރުންތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފެންނަމުންނެވެ. އެގޮތުން ލޯ ކުޑަ ނަސްލާއި ޗައިނާ އަށް ނިސްބަތް ވާ މީހުންނާއި މެދު ލާއިންސާނީ ކޮށް އަމަލުތައް ބަހައްޓާކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.
މެންޗެސްޓަރ ގެ ޔުނިވާސިޓީއެއްގައި ތައުލީމް ޙާސިލްކުރާ އޭޝިޔާ ރައްޔިތެއް ކަމަށްވާ ސޭމް ފަން ބުނިގޮތުގައި އޭނާއަކީ އުތުރު އޭޝިޔާއަށް ނިސްބަތްވާ މީހެއްކަމަށްވާތީ ގިނަ ފުރައްސާރަތަކަކާއި ކުރިމަތިލާންޖެހިފައިވެއެވެ. މީގެ ސަބަބުން މީހުންގެ ތެރެއަށް ނިކުމެ އުޅެން މިހާރު ޖެހިލުންވާކަމަށާއި މިފަދަ ނަސްލީ ތަފާތު ކުރުންތައް ހުއްޓުވަންޖެހޭކަމަށް ވެސް ސޭމް ބުނެފައިވެއެވެ.
މީގެއިތުރުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި ވެސް މި މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. މިހާތަނަށް ކޮރޯނާ ވައިރަސް އެންމެ ގިނައިން ފެނިފައިވަނީ ޗައިނާގެ ވުހާންއިން ކަމަށްވާއިރު މި ވަތަނީ ދެކޮޅުވެރިކަން އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް ބަޔަކީ ވުހާންގެ ރައްޔިތުންނެވެ. ކޮރޯނާ ވައިރަސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާއި އެކު ފެތުރިގެން އަންނައިރު މިހާތަނަށް 1000 ވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.